ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް މި މަހުގެ 30 ވަނަ ދުވަހު ދަތުރު ގޮސްފައި ވަނިކޮށް ގެއްލުނު މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ގެއްލުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިނާއީ ތަހުގީގު ފެށިޔަސް ތަސްލީމް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން އޮގަސްޓް 29 ވަނަ ދުވަހު ދަތުރު ދިޔަފަހުން ތަސްލީމް ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުން ދިނުމާއެކު އޭނާ ހޯދުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތަސްލީމް ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރަނީ ފުލުހުންނެވެ.