ސިނަމާލެ ބްރިޖުގެ ލޭންގެ އަދަދާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަތައް މިހާރު ބަދަލުވެއްޖެ އެވެ.

ބްރިޖު އިފްތިތާހު ކުރުމަށް 2015 ވަނަ އަހަރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ "މި ބްރިޖް ވުޖޫދަށް އަންނާނެ. އާދެ، އެ ދުވަހުން އަޅުގަނޑުމެން ކާރުތަކުގަ އާއި، ސައިކަލްތަކުގަ އާއި އަދި ހައުސިން މިނިސްޓަރު އެބަ ވިދާޅުވޭ، ސައިޑެއްގައި ޖޮގިން ލޭނެއް ވެސް އޮންނާނެއޭ. އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ވެހިކަލް ދުއްވާނެ ދެ ލޭން އެބަ އޮވޭ. ސައިކަލް ދުއްވާނެ ލޭން އެބައޮވޭ. އަދި ހަމައެހެންމެ، ބައިސްކަލް ދުއްވައި ޖޮގިން ވެސް ކުރެވޭނެ. އެހެންވެ، މިއީކީ އާދައިގެ ބްރިޖެއް ނޫން". އެ ދުވަހު އަދީބު ވިދާޅުވި އެވެ.

ބްރިޖްގެ ލޭނެއް މަދުވި މައްސަލަ ފަޅާއަރައި އާއްމުންގެ ރުޅިވެރިކަން އިންތިހާއަށް އިތުރުވެފައިވާތީ ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވާ އަދީބު ރޭގެ ވަގުތެއްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ބްރިޖުގެ އެއްވެސް ލޭނަކަށް ބަދަލެއް ނާންނަ ކަމަށާއި ބްރިޖު ނިންމާފައި ވަނީ ރައީސް ޔާމީން އާއި އިކޮނޮމިކް ކައުންސިލުން ނިންމި ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރައްޔިތުންނަށް ބްރިޖު ޕްރޮޖެކްޓުގެ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ބަހުސް ފެށިފައިވަނީ ދާދި ފަހުން ރައީސް މުއިއްޒު ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ހައުސިން މިނިސްޓްރީއާ ހަވާލުކުރި ފަހުން ބްރިޖުގެ އެއްވެސް ލޭނަކަށް ބަދަލު ނުގެންނަވާ ކަމަށާއި އެއްވެސް ލޭނެއް މަދުނުވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ބްރިޖުގެ މަސައްކަތާއި ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭނާއި ސައިކަލް ދުއްވާ ދެ ލޭނާއި ބައިސްކަލް ދުއްވާނެ ދެ ލޭން އަދި ހިނގާފަ ބްރިޖު ހުރަސްކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ލޭނެއް އޮންނާނެ ކަމަށެވެ.

https://www.facebook.com/watch/?mibextid=WC7FNe&v=1007243710945566&rdid=KuvvzqTMWHqKUSkk

ނަމަވެސް ބްރިޖުގައި އޮތީ ހަރަތު ފުރޮޅުލީ ވެހިކަލް ދުއްވާނެ ދެ ލޭނާއި، ސައިކަލް ދުއްވާނެ ދެ ލޭންގެ އިތުރުން ހިނގާ މީހުންނަށް ނުވަތަ ބައިސިކަލަށް ދެ ލޭނެވެ. އެހެންކަމުން ބައިސްކަލަށާއި ހިނގާމީހުނަށް ވަކި ހާއްސަ ލޭނެތް ބްރިޖުގައި ނެތެވެ. މިއާއެކު ގިނަ ބަޔަކު ތުހުމަތު ކުރަމުންދަނީ ރައީސް މުއިއްޒު ބްރިޖުގެ އެއް ލޭން މަދުކުރެއްވީ ކަމަށެވެ. ފުރަތަމަ ބްރިޖް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަންގައި ވެސް ބައިސްކަލާއި ހިނގާ މީހުނަށް ވަކި ލޭނެއް އޮންނަ ކަމަށް ވަނީ ދައްކާފަ އެވެ.

ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ވަގަށް ނެގި ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ރޭ އަދީބު ވިދާޅުވީ ބަޔަކު ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަކުރެވޭތީ ކުރިއަށް އޮތްތާންގައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އަދީބު ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެ، އެތައް މިލިއަން ރުފިޔާއެއް ވަގަށް ނަގައިފަ އެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އޭނާ މިނިވަންކުރީ ނިމިދިޔަ ސަރުކާރުން ދައުރުހަމަވާން ގާތްވެފައި ވަނިކޮށެވެ. އޭނާ މިހާރު ދިރިއުޅުއް ވަނީ ރާއްޖެއިން ބޭރުގަ އެވެ.

މި ސަރުކާރު އައުމަށްފަހު ވެސް އަދީބުގެ އެއްވެސް މައްސަލައެއް ބަލާފައިނުވާއިރު، އަދީބުއާ ސަރުކާރާ ގުޅުން އޮންނަކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެގޮތުން އަދީބު މި ސަރުކާރުގެ ނައިބު ރައީސްކަމަށް ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. މިހާރު އަދީބު ގެންދަވަނީ ވަރަށް ބޮޑަށް މި ސަރުކާރު ދިފާއުކޮށް ވާހަކަ ދައްކަވަމުންނެވެ.