ހިނގަމުން މިދާ 2024 ވަނަ އަހަރުގެ މިހާތަނަށް އިންޑިއާގެ ސަރުކާރަށް ޓެކްސް ފައިސާ ދައްކާ މަގުބޫލު ޝަހްސިއްޔަތުންގެ ތަފާސް ހިސާބުތައް އެގައުމުން މިވަނީ އާއްމުކޮށްފަ އެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރަށް އެންމެ ގިނައިން ޓެކްސް ފައިސާ ދައްކާ ޝަހްސިއްޔަތުންގެ ތެރޭގައި ގިނައީ ބޮލީވުޑްގެ އެކްޓަރުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް 92 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 10.9 މިލިއަން ޑޮލަރު)ގެ ޓެކްސް ދައްކާފައިވާ ޝާހްރުކް ޚާން އުޅެނީ ލިސްޓުގެ އެއްވަނައިގަ އެވެ. އޭނާގެ ފަހަތުން ތަމަޅަ އެކްޓަރު ވިޖޭ 80 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 9.5 މިލިއަން ޑޮލަރު) އާއެކު ދެވަނައިގައި އުޅޭއިރު 75 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 8.9 މިލިއަން ޑޮލަރު) އާއެކު ތިންވަނަ ލިބުނީ ސަލްމާން ޚާން އަށެވެ.

އެންމެ ގިނައިން ޓެކްސް ފައިސާ ދެއްކި "ގަދަ 10"ގައި އިތުރަށް ހިމެނޭ ބޮލީވުޑް ތަރިންގެ ތެރޭގައި އަމީތާބު ބައްޗަން (71 ކްރޯޑް)، އަޖޭ ދޭވްގަން (42 ކްރޯޑް)، ރަންބީރު ކަޕޫރު (36 ކްރޯޑް) އަދި ރިތިކް ރޯޝަން (28 ކްރޯޑް) ހިމެނެ އެވެ.

އެ ލިސްޓުގައި ހިމެނޭ ބޮލީވުޑަށް ނިސްބަތްނުވާ ތަރިންގެ ތެރޭގައި ހިމެނެނީ ވިރާޓް ކޯލީ (66 ކްރޯޑް)، އެމް އެސް ދޯނީ (38 ކްރޯޑް) އަދި ސަޗިން ޓެންޑުލްކަރް (28 ކްރޯޑް) އެވެ. މި ތިން ތަރިންނަކީ ވެސް ކްރިކެޓް ކުޅުންތެރިންނެވެ.

މީގެ އިތުރުން ކަރީނާ ކަޕޫރު ޚާން، ކިއާރާ އަދްވާނީ އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ވެސް ގަދަ 20ގެ ލިސްޓުގައި ހިމެނިފައިވެ އެވެ.

އިންޑިއާއަކީ އާމްދަނީއިން ޓެކްސް ނަގާ ގައުމަކަށްވާއިރު ބޮލީވުޑްގެ ތަރިން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފައިސާ އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަ އެވެ.