ހޮލީވުޑްގެ މަޝްހޫރު ތަރި ޖޮނީ ޑެޕްގެ ދަތްޕިލައިގެ ވާހަކައަކީ މިފަހަކަށް އައިސް އިނގިރޭސި މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ.
އެންމެ ފަހުގެ ކޭންސް ފިލްމު ފެސްޓިވަލްގެ ތެރެއިން ޖޮނީގެ ދަތްޕިލައިގައި ކޮބަޑި ޖަހައި ރީނދޫވެފައިވާކަން އާއްމުންނަށް ފާހަގަވެ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަން ފެށި އެވެ. މި ވާހަކަތައް އިތުރުވީ ދަތްޕިލަ ސާފުތާހިރުކޮށް ބެހެއްޓުމަށް މާ ގިނަ މަސައްކަތްތަކެއް ނުކުރާ ކަމަށް ޖޮނީ އަމިއްލައަށް އެއްބަސްވާ ވީޑިއޯއެއް އާއްމުވުމުންނެވެ.
ޖޮނީގެ ސާފުތާހިރު ކަމަށް ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށް އޭނާ މިވަނީ އެ ފާޑުކިޔުންތައް ހުއްޓުވުމުގެ ގޮތުން ފިޔަވަޅެއް އަޅާފަ އެވެ. އެންމެ ފަހުން އާއްމުވި ޖޮނީގެ ވީޑިއޯގައި އޭނާގެ ދަތްޕިލައަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން އެ ވީޑިއޯގައި ޖޮނީގެ ދަތްޕިލަ ކުރިއަށް ވުރެ ހުދުވެ ރީތިވެފައިވާކަން އެނގެ އެވެ.
މި ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ޖޮނީއަށް ތައުރީފް ކުރަމުންނެވެ. އެގޮތުން ރީތި ދަތްޕިލައާއެކު އޭނާ އިތުރަށް ރީތިކަމަށް މީހުން ބުނެ އެވެ.
ކެޕްޓަން ޖެކް ސްޕެރޯގެ ގޮތުގައި މަޝްހޫރުވެފައިވާ ޖޮނީ ޑެޕްއަކީ ހޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ގުނާލެވޭ ތަރި އެކެވެ.