ގަލުން ހަދާފައިވާ ޖިފުޓިތަކެއްގައި ދިރިއުޅޭ 300 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ އެ އަވަށުގައި ކަރަންޓެއް ނުހުރެ އެވެ. އެއްވެސް ކަހަލަ ބައްތިއެއް އެމީހުން ބޭނުމެއް ނޫނެވެ. މެކްސިކޯގެ މެދުގައި އޮންނަ ޓިލްޓެޕެކް ކިޔާ އެ ކުޑަކުޑަ އަވަށުގައި އުޅޭ މީހުންނަކަށް އަލިކަމެއް ބޭނުމެއް ނުވެ އެވެ. އެ މީހުންނަކީ މުޅިން ވެސް އަނދިރި މީހުންނެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައި ވަނީ އެއަވަށުގައި ދިރުއުޅޭ އިންސާނުން އެކަންޏެއް ނޫނެވެ. އެއަވަށުގައި އުޅޭ ޖަނަވާރުތަކުގެ ވެސް ލޯ އަނދިރި އެވެ.
ވިހާއިރު ފުރިހަމަޔަށް ލޮލަށް ފެނުނުކަމުގައި ވިޔަސް އަވަށުގައި ދުވަސްކޮޅެއް ހޭދަ ކޮށްލުމުން ލޮލުގެ ފެނުން މަޑުމަޑުން ބަލިކަށިވަމުން ގޮސް އެއްކޮށް އަނދިރިވެދެ އެވެ. އަދި މިހާތަނަށް ޑޮކްޓަރީ ގޮތުން މިވާގޮތެއް ސީދާ ޔަގީން ކަމާއެކު ބުނާކަށް ނޭނގެ އެވެ. އެ އަވަށުގެ މީހުން ދޫދޫ މަތިން ކިޔަމުން އަންނަ ގޮތުން އެމީހުނަށް ވަނީ ވަރަށް ބޮޑު ސުންޕާކަމެއް ޖެހިފަ އެވެ. އެކަން ގުޅެނީ އެއަވަށުގައި ހުންނަ ބިޔަ ގަހަކާ އެވެ. އެގަސް ދެކެ އެމީހުން ރުޅި ނައިކަމުގައި ވިޔަސް ޖެހިލުންވެ ބިރު ގަންނަ ގޮތްވެ އެވެ. ލޯ އަނދިރިވުން އެމީހުން ގުޅުވަނީ އެގަހުގެ ސުންޕާކަމާ އެވެ.
މުޅިން ވެސް ލޯފަން މީހުންގެ މި ވިލެޖުގެ ހުރިހާ ކަމެއް ވެސް ހަމަޖެހިފައި ހުންނަނީ އެބާވަތުގެ ބަޔަކަށް އުޅެވޭ ގޮތަށެވެ. ގެދޮރު އިމާރާތްކޮށްފައި ހުންނަނީ އެމީހުންނަށް ފަސޭހައިން ހިނގާބިގާވެ ދާން ބޭނުންވާ މަގު އެނގޭ ގޮތަށެވެ. ހިނގާބިގާވެ އުޅެން ފަސޭހަކޮށް ފަރުމާކޮށްފައި ހުންނަ ގެތަކާއި މަގުތަކުގައި ހެލިފެލިވެ އުޅުމަށް އެއަވަށުގެ ރައްޔިތުންނަށް ލިބިފައިވަނީ އާދަޔާ ޚިލާފު އިހުސާސްކުރުމުގެ ބާރެކެވެ.
މެކްސިކޯގެ 300 މީހުންގެ އާބާދީއަށް ޖެހިފައިވާ އަދި ޖެހެމުންދާ ބައްޔާ ބެހޭގޮތުން ސައިންސްވެރިން ތަފާތު ދިރާސާތަކެއް ކުރިކަމުގައި ވިޔަސް މިހާތަނަށް ހޯދި ހޯދުންތަކުން އެބަލި ޖެހެނީ ކިހިނެއްކަން ޔަގީންވާ ގޮތެއް ނުވެ އެވެ. ބައެއް ސައިންޓިސްޓުން ލަފާކުރާގޮތުގައި އެ އަވަށުގެ ދިރޭ ތަކެއްޗަށް ލޯ އަނދިރިވުމުގެ ހިތްދަތިކަން މެދުވެރި ވަނީ އެހިސާބުގައި އުޅޭ ވިހަ ބާވަތެއްގެ މެއްސެއްގެ ސަބަބުންނެވެ. އެ މެއްސަށް އިންސާނުނާއި ޖަނަވާރުންގެ ފެނުމުގެ ބާރު ދެރަކޮށްލާ ފަދަ ވިހަ ފެތުރުމުގެ ގާބިލުކަން ލިބިގެންވެ އެވެ. އެހެން ނަމަވެސް މި ތިއަރީއަކީ ވެސް މުޅިން ޔަގީންވެފައިވާ ތިއަރީއެއް ނޫނެވެ.
މެކްސިކޯ ސަރުކާރުން އެ އަވަށުގެ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލުކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ޒަމާނުއްސުރެ އެމީހުންގެ ހަޔާތް ވޭތުކުރަމުން އައި ހާލަތުން އެހެން ހާލަތަކަށް ބަދަލުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ކަމުން އެފަދަ ބަދަލަކަށް އަވަށުގެ މީހުން ބޭނުން ނުވީ އެވެ.
ގާތްގަނޑަކަށް 70 ގޭގައި ދިރިއުޅޭ 300 އެއްހާ މީހުންގެ އާބާދީ އާއި އެއަވަށުގައި އުޅޭ ޖަނަވާރުތަކުގެ ލޯ އަނދިރި ކަމުގައި ވިޔަސް އަވަށުގެ ދިރިއުޅުން ބަރާބަރަށް ކުރިޔަށްދެ އެވެ. ތަފާތަކީ އެމީހުންގެ ދިރިއުޅުމަށް ބޮތްކެއް ނުވަތަ ބައްތިއެއްގެ އަލިކަން ބޭނުންނުވުމެވެ.