ޖަޕާނުގެ ފިރިހެނަކު ފާއިތުވި 12 އަހަރު ދުވަހު ނިދަނީ ދުވާލަކު 30 މިނެޓްކަމަށް ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ދައިސުކޭ ހޯރީ ބުނި ގޮތުގައި ކޮންމެ ރެއަކު ވެސް 30-45 މިނެޓު ނިދުމަށް ޓާގެޓް ކުރާތީ އޭނާގެ ހަށިގަނޑާއި ސިކުނޑި އާދަޔާ ހިލާފަށް ރަނގަޅަށް މަސައްކަތް ކުރާކަމަށާއި ވަރުބަލިކަން އިހުސާސް ނުވާގޮތަށް އޭނާ ވަނީ އޭނާގެ ހަށިގަނޑާއި ސިކުނޑި ތަމްރީނުކޮށްފައިކަމަށް އޭނާ ބުނެ އެވެ.

އޭނާ ބުނޮގޮތުގައި ނުނިދާ ހުރުމަށް ކޮފީ ބޮއެގެން އެކްޓިވްކޮށް އޭނާގެ 23.5 ގަޑިއިރުގެ ކޮންމެ ދުވަހެއް ހޭދަ ކުރާކަމަށެވެ.

ހޯރީ ބުނިގޮތުގައި އޭނާ ބަލަނީ ގިނައިން ނިދުމުގެ ބަދަލުގައި ކުޑަވަގުތު ކޮޅެއްގައިވެސް ރަނގަޅު ކޮލިޓީ ނިދި ލިބޭތޯ ކަމަށެވެ.

އަމިއްލަ ވިޔަފާރިކުރާ ހޯރީ އަކީ ބޮޑީ ބިލްޑް ވެސް ކުރާ މީހެކެވެ. ދާދި ފަހުން އޭނާވަނީ ބޮޑީ ބިލްޑިން މުބާރާތެއްގައި ވެސް ބައިވެރިވެފަ އެވެ.

ނަމަވެސް ނޯތުވެލް ސްޓޭޓަން އައިލެންޑް ޔުނިވާސިޓީ ހޮސްޕިޓަލުގެ އިންސްޓިޓިއުޓް އޮފް ސްލީޕް މެޑިސިންގެ ޑިރެކްޓަރު ޑރ. ތޯމަސް ކިލްކެނީ އަށް ހޯރީގެ ވާހަކަތަކާ މެދު ޝައްކު އުފެދެ އެވެ.

"އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތިވޭ އޭނާ ދުވާލަކު ނިދަނީ އެންމެ 30 މިނިޓް ކަމަށް ބުނުމުން. މިއީ ކުރެވޭނެ ކަމެއް ނޫން ހެން ހީވަނީ،" ޑރ ކިލްކެނީ ބުނެފައިވެ އެވެ.

އަހަރެމެން ނިދަނީ ކީއްވެކަން ބުނެދޭން ނޭނގުނު ނަމަވެސް ނިދި ނުލިބުމުގެ ސަބަބުން ސިކުނޑިއަށާއި ހަށިގަނޑަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ވަރަށް ރަނގަޅަށް އެނގޭކަމަށް އެ ޑޮކްޓަރު ބުނެފައިވެ އެވެ.

ތަޖުރިބާކާރުން ލަފާ ދެނީ ބޮޑެތި މީހުން ރެއަކު ހަތް ގަޑިއިރާއި ނުވަ ގަޑިއިރުގެ ނިދި ނިދުމަށެވެ. ހަ ގަޑިއިރަށްވުރެ މަދުން ނިދާ މީހުން ބަރުދަން އިތުރުވުމާއި، އޮބެސިޓީ، ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުން، ހިތުގެ ބަލިތަކާއި، ސްޓްރޯކް ނުވަތަ ޑިޕްރެޝަން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.