ޖެނިފާ ލޮޕޭޒްއާ ބައްދަލުވެދާނެތީ ބެން އެފްލެކް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނީގެ ފިލްމު "އަންސްޓޮޕަބަލް"ގެ ޕްރިމިއާ އަށް ވެސް ނުދާ ކަމަށް ހަބަރުތައް ބުނެފި އެވެ.

މިފަހުން އޮތް ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެ ފިލްމު ޕްރިމިއާއަށް ދިއުމުގެ ބަދަލުގައި އެ ވަގުތު ބެން ދިޔައީ އޭނާގެ ދަރިން ކަމުގައިވާ ސެމިއުލް އާއި ސެރަފީނާއާ އެކު ބޭރު ތެރޭގައި ވަގުތު ހޭދަ ކުރަމުންނެވެ.

ބެންއަކީ "އަންސްޓޮޕަބަލް"ގެ އެއް ކޯ ޕްރޮޑިއުސަރު ނަމަވެސް އެ ފިލްމުގެ ޕްރިމިއާ އިން އޭނާ ނުފެންނާނެކަން ފިލްމުގެ އަނެއް ޕްރޮޑިއުސަރު އަދި ބެންގެ ގާތް ރަހުމަތްތެރިޔާ މެޓް ޑޭމޮން ވަނީ ކުރިން ޔަގީން ކޮށްދީފަ އެވެ.

ބެން އޭނާގެ އަމިއްލަ ފިލްމުގެ ޕްރިމިއާ ކަޓުވާލާފައި މިވަނީ އޭނާ އާއި ޖެނިފާ ލޮޕޭޒްގެ ކައިވެނީގައި މައްސަލަޖެހި ވަރީގެ ކަންތައްތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބެން އެ ހަފްލާއަށް ނުދިޔައީ އެ ހަފްލާގެ ތެރެއިން ޖެނިފާއާ ބައްދަލުވެ އެ ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑު ކުރަން ބޭނުން ނުވާތީ އެވެ.

އެ ހަފްލާއަށް ބެން ގޮސްފައިނުވާއިރު ޖެނިފާ ވަނީ ހަފްލާގެ ރެޑް ކާޕެޓުން ފެނިފަ އެވެ. ޖެނިފާއަކީ "އަންސްޓޮޕަބަލް"ގެ ސަޕޯޓިން އެކްޓަރެކެވެ.

ޖެނިފާގެ މި ފެނިލުމަކީ މިދިޔަ މަހުގެ ތެރޭގައި ވަރިއަށް ހުށައެޅުމަށްފަހު އާއްމު ތަނަކުން އޭނާ ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.