ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންހްއަށް އަންހެން ކުއްޖަކު ލިބިއްޖެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާ ވިހާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މުމްބާއީގެ ރިލައަންސް ފައުންޑޭޝަން ހޮސްޕިޓަލުގަ އެވެ.

އޭގެ އެއް ދުވަސް ކުރިން އެ ދެމަފިރިން އެ ހޮސްޕިޓަލަށް ދިޔަ މަންޒަރު މީޑިއާއަށް ފެނިފައިވާއިރު، އެ ދިއުމަކީ ވިހަން އެނދުމަތިވާން ދިޔަ ދިއުމެއް ކަމަށް އޭރު ވެސް ބުނެވުނެވެ.

ދީޕިކާ ވިހޭކަން ރަސްމީކޮށް އެއްވެސް ފަރާތަކުން އިއުލާން ކޮށްފައި ނުވި ނަމަވެސް މީޑިއާ ހަބަރުތަކުން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.

ރަންވީރާއި ދީޕިކާ އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު ސޯޝަލް މީޑިއާގައި އާއްމުން އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ރަންވީރާއި ދީޕިކާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ދީޕިކާއާއި ރަންވީރަށް އަންހެން ކުއްޖަކު ލިބުނުކަމުގެ ހަބަރުތައް މީޑިއާއަށް ފެތުރިފައިވާއިރު ވަރަށް އަވަހަށް އެ ދެމަފިރިން އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.