އާއްމުންގެ ތެރޭގައި އެންމެ ބޮޑު ސުވާލަކަށް ވެފައި އޮތީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކޮށްފައިވާ "ލިބޭ" ޕޯސްޓަރުތަކަށެވެ. ގިނަ ބަޔަކު އެޕޯސްޓަރާއެކު ލިބެން އުޅެނީ ކޯޗެއްތޯ ބެލުމަށް ސައުގުވެރިކަން އުފެދިގެން ދިޔަ އެވެ. މިއީ އުރީދޫގެ 5ޖީ ޕްރޮމޯޝަން ޕޯސްޓަރެކެވެ.

މިކަމާ ބެހޭ ގޮތުން އުރީދޫއިން ބުނީ ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5ޖީ ގެ ހިދުމަތް ފޯރުކޮށްދޭ ވާހަކަ ކަމަށެވެ.

އުރީދޫއިން ފުރަތަމަ 5-ޖީ ގެ ޓެސްޓުތައް ރާއްޖޭގައި ހަދަން ފެށީ 2019 ގައެވެ. އަދި 2020 ނިމުނުއިރު ގްރޭޓާ މާލެ ސަރަހައްދަށް އެ ކުންފުނިން 5ޖީ ތައާރަފް ކުރި އެވެ.

މާލެ ސަރަހައްދުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ އާބާދީ ބޮޑެތި ބައެއް ރަށްރަށަށް 5ޖީގެ ހިދުމަތް ދެމުންނެވެ. އެއީ:

  • އއ. ތޮއްޑޫ އަދި އއ. ރަސްދޫ.
  • އދ. މާމިގިލި، އދ. މަހިބަދޫ އަދި އދ. ދަނގެތި.
  • ބ. އޭދަށުފި.
  • ދ. ކުޑަހުވަދޫ.
  • ގއ. ވިލިނގިލި، ގދ. ތިނަދޫ.
  • ހއ. ދިއްދޫ އަދި ހއ. އިހަވަންދޫ.
  • ހދ. ކުޅުދުއްފުށި.
  • ކ. ގުރައިދޫ، ކ. މާފުށި.
  • ޅ. ހިންނަވަރު އަދި ޅ. ނައިފަރު.
  • ނ. ވެލިދޫ.
  • ރ. ދުވާފަރު އަދި ރ. އުނގޫފާރު.
  • ސ. ހިތަދޫ

5ޖީ ގެ ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ފަސޭހަ އަކަށްވި އެންމެ ބޮޑު ޕްރޮޖެކްޓަކީ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް - ޕީސް ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭން ފެށުމެވެ. ޕީސް ކޭބަލަކީ ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެ ބައިނަލްއަގުވާމީ ކޭބަލެކެވެ.

މި ކޭބަލާ އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މީގެކުރިން އުރީދޫން ބުންޏެވެ.

އުރީދޫއިން އަންނަނީ ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް އިންގިލާބީ ބަދަލުތައް ގެނެސް، މުޅިން އާ ކަންތައްތައް ތައާރަފް ކުރަމުންނެވެ.