ޔޯޔޯ ހަނީ ސިންހްއަކީ ފަހަކަށް އައިސް ބޮލީވުޑް މިއުޒިކްގައި އަރަމުން އަންނަ ނަަމަކަށް ވީ ނަމަވެސް އޭނާގެ ޅެންތަކުގައި ބޭނުންކޮށްފައި ހުންނަ ބޭއަދަބީ ބަސްމަގުގެ ސަބަބުން އަބަދުވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މިހާތަނަށް އެ ފާޑުކިޔުންތަކަށް ހަނީ ރައްދު ދީފައި ނުވި ނަމަވެސް އެންމެ ފަހުން އޭނާ މިވަނީ އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.

ހަނީ ބުނެފައިވަނީ ބޮލީވުޑްގެ އިހުތިރާމް ލިބިފައިވާ ގަދަރުވެރި ބައެއް ޅެންވެރިން ވެސް ހަމަ އެ ބަސްމަގުން ޅެން ހަދާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން އާއްމުންނަށް މައްސަލައަކަށް ނުވާ ކަމަށެވެ.

އެގޮތުން ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވާ ޅެންވެރިއެއް ކަމަށްވާ ގުލްޒާރުގެ ނަން ހަނީ ފާހަގަކުރި އެވެ. އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ލަވަތަކެއް ކަމުގައިވާ "ބީޑީ ޖަލައިލޭ"، "ނަމަކް އިޝްގް ކާ" ފަދަ ގުލްޒާރުގެ ލަވަތަކުގައި ވެސް އަންހެނުންނަށް ކުޑައިމީސް ކުރާ ބަސްމަގު ބޭނުން ކޮށްފައިވާ ކަމަށް ހަނީ ބުންޏެވެ.

"މިފަދަ ޅެންތައް ބޮލީވުޑްގައި ދައުރުވަމުން ދާތާ އެތައް އަހަރެއް ވެއްޖެ. އަހަރެން އެކަން ކުރީމަ މައްސަލައަކަށް މިވީ،" ހަނީ ބުންޏެވެ.

ހަނީ އިތުރަށް ބުނީ މި ލަވަތަކާއެކު ވެސް އެ ޅެންވެރިންނަކީ ބޮލީވުޑްގައި ހާއްސަ ގަދަރެއް ދެވިފައިވާ މަތީ ދަރަޖައިގެ ތަރިން ކަމަށެވެ.

ރެޕް ލަވަތައް އާއްމުކޮށް ކިޔާއުޅޭ ހަނީ ސިންހްގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ލުންގި ޑާންސް"، "ޗާރް ބޮޓަލް ވޮޑްކާ" އަދި "އަންގްރޭޖީ ބީޓް" ފަދަ ލަވަތައް ހިމެނެ އެވެ.