އިންޑިއާގެ އެންމެ މުއްސަނދި އާއިލާ ކަމަށްވާ އަމްބާނީ އާއިލާގެ އެންމެ ހަގު ދަނބިދަރިފުޅު ރަދިކާ މާޗަންތުގެ ކައިވެންޏަށް ދެ މަސްވީއިރު އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ހަބަރުތައް ފެތުރެން ފަށައިފި އެވެ.

މި ހަބަރުތައް ފެތުރެން ފަށާފައި މިވަނީ އަމްބާނީގެ ގެ، އަންތިލިއާގައި ދާދި ފަހުން ބޭއްވި ހިންދޫ ދީނުގެ ހަފްލާއެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް އާއްމު ވުމުންނެވެ.

އެ ވީޑިއޯގައި ނީތާ އަމްބާނީ ރަދިކާއާއި އެމީހުންގެ ރަހުމަތްތެރިއެއް ކަމަށްވާ ރަޝްމީ ތަކޭރީއާއެކު ފޮޓޯތަކަށް ހުއްޓިގެން ހުންނައިރު ރަދިކާ ހުންނަނީ އޭނާގެ ބަނޑުގައި އަތް އަޅައިގެންނެވެ.

ރަދިކާ ހުރި ގޮތުން އޭނާ މަސައްކަތްކުރީ ބަނޑުބޮޑުކަން ފޮރުވަން ކަމަށާއި އެހާ އަވަހަށް ބަނޑުބޮޑުވީ ކަމަށް ބުނެ ބައެއް މީހުން އަންނަނީ އޭނާއަށް ފުރައްސާރަ ވެސް ކުރަމުންނެވެ.

މި ހަބަރުތައް މީޑިއާއާއި ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ނަމަވެސް އަމްބާނީ އާއިލާގެ ފަރާތުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އެތައް މަހެއްގެ ތައްޔާރީތަކަކަށްފަހު އަމްބާނީ އާއިލާގެ ހަގު ދަރިފުޅު އާނަންތު އަމްބާނީއާއި ރަދިކާ ކައިވެނިކުރީ ޖުލައި މަހު އޮތް ކުލަގަދަ ހަފްލާއެއްގަ އެވެ.