2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި އޯޑިއަންސްގައި އިންނަވައިގެން ރައީސް ޔާމީން ވާހަކަ ދައްކަވަމުން ވިދާޅުވީ އަބްދުއްރަހީމް 2013ގައި އުޅުއްވީ ރައީސް ޔާމީން ހޮވަން ނޫން ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީން އަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވީ އަބްދުއްރަހީމް ކަމަށް އޭނާގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހިމް ވިދާޅުވެފައިވުމުން އެކަމަށް ރައްދުދެއްވަމުންނެވެ.

"އަބްދުއްރަހީމް ހުންނެވީ ރައީސް ޔާމީނާއެކީއެއް ނޫން. އަބްދުއްރަހީމް ހުންނެވީ ގާސިމާއެކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފަހުން ގާސިމަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމުން އަބްދުއްރަހީމް ޕީޕީއެމްއަށް އެނބުރިވަޑައިގެން މަސައްކަތް ކުރަން ފެއްޓެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގައި ފައިސާ ނެތިގެން ރައީސް ޔާމީނަށް ތާއީދުނުކޮށް ގާސިމަށް ތާއިދުކުރަން އަބްދުއްރަހީމް ވިދާޅުވި ވާހަކަ އޭރު ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅަކަށް އަޑުއިވިފައިވާ ކަމަށާއި އެކަން ރައީސް ޔާމީނާ ހަމަޔަށް އައީ ދޮގު ނުކުރެވޭ ވަރުގެ މީހެއްގެ ފަރާތުން ކަމަށާއި އަދުރޭއަށް އެ ވާހަކަ ދޮގެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އަބްދުއްރަހީމް އޭރު ޕީޕީއެމް ތެރޭގައި ހުންނެވިޔަސް އަބްދުއްރަހީމް މަސައްކަތް ކުރެއްވީ ރައީސް ޔާމީން ހޮއްވަވަން ނޫން ކަމަށާއި ޕީޕީއެމްގެ ފުރަތަމަ އިންތިހާބުގައި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވައިގެން ނާކާމިޔާބުވުމުން އަބްދުއްރަހީމް ފުރައިގެން ދިޔައީ މެލޭޝިއާއަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަބްދުއްރަހީމަކީ މާގިނަ ސިޔާސީކަންކަން ކޮށްގެން އަޅުގަނޑު ގެނެސް ގޮނޑިއަށް ވެޑުވި މީހެކޭ ފައިސަލަށް ހީވާކަމަށް ވަންޏާ، މިހާރު އެބަޖެހޭ ހަގީގަތް ކިޔާދޭން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ދެބައިކުޅަ އެއްބައި އަބްދުއްރަހީމަށް ވެދުމަށް އަރުވާފައި ކަމަށާއި އެއީ ރައީސް މުއިއްޒުގެ ނުކުޅެދުންތެރިކަން ކަމަށްވެސް ރައީސް ޔާމިން ވިދާޅުވި އެވެ.

"ފައިސަލް ކުރެން ވެސް އަހާލަންޖެހޭ ފައިސަލް މިހާ ދުވަހު އުޅުއްވީ ކޮންތާކުތޯ؟" ފައިސަލް އަކީ ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިކަހަލަ ވާހަކަތައް ދައްކަވަން ބޭނުންފުޅު ނުވާކަމަށާއި އެއީ އެވާހަކަތަކަކީ މާޒީ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. "ނަމަވެސް، ގަބުރުކޮނެގެން ކަށިނަގާ ހިސާބަށް ދާކަމަށްވަންޏާ، ދެން މީގެ ހަގީގަތްތައް އެނގެންވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.