ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރީއާ ކެރީގެ މަންމަ އާއި ދައްތަގެ ހިތްދަތި މަރަށްފަހު އޭނާ އެނބުރި މަސައްކަތަށް ނުކުމެއްޖެ އެވެ.

މަރީއާ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފާއިތުވި ހަފްތާތަކަކީ އޭނާއަށް ވަރަށް އުނދަގޫ ހަފްތާތަކެއް ކަމަށާއި އެހެން ނަމަވެސް މިހާރު މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

"އެންމެންގެ ފަރާތުން ލިބުނު ހެޔޮ ދުއާއަށް ވަރަށް ޝުކުރުވެރިވަން. ސަޕޯޓަރުންނާ ބައްދަލު ކުރަން މިހުރީ ކެތްމަދުވެފައި،" އުމުރުން 55 އަހަރުގެ މަރީއާ ބުނެފައިވެ އެވެ.

https://www.instagram.com/reel/C_qjvj2gghT/?utm_source=ig_embed&ig_rid=700e0d14-6917-4a64-840f-b2077bde4251

މި ސެޕްޓެމްބަރު މަހުގެ 15 އަދި 16 ވަނަ ދުވަހު ޗައިނާގައި މަރީއާގެ ކޮންސެޓެއް އޮންނައިރު 20 އަދި 21 ވަނަ ދުވަހު ބްރެޒިލްގައި ވެސް އޭނާގެ ޝޯއެއް އޮންނާނެ އެވެ.

އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި މަރީއާ ވަނީ އޭނާގެ މަންމައާއި ދައްތަ އެއް ދުވަހެއްގައި މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

އަހަރުތަކެއް ވަންދެން މަރީއާ އާއި އޭނާގެ މަންމަގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް މަންމަ މަރުވުމުގެ ކުރިން ދުވަސްކޮޅެއް މަންމައާއެކު ހޭދަކުރެވުނީތީ އުފާކުރާ ކަމަށް މަރީއާ ބުނެފައިވެ އެވެ.

މަރިއާގެ މަންމަ މަރުވީ މުސްކުޅި ބަލީގައި ނަމަވެސް ދައްތަ މަރުވީ ގިނަ ދުވަސްތަކެއް ބަލިވެ އުޅުމަށްފަހު ކަމަށް ހަބަރުތައް ބުނެ އެވެ.