މިއަހަރު މުޅި ދުނިޔެ ސިއްސުވާލި އެއް ހަބަރަކީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ޕްރިންސެސް ކޭޓް މިޑްލްޓަންއަށް ކެންސަރު ބަލި ޖެހި ފަރުވާ ހޯދަމުން އަންނަ ހަބަރެވެ.

މާޗް މަހު އެ ހަބަރު ކޭޓް އާއްމުކުރިއިރު އޭނާ ބުނެފައިވަނީ އާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު ބަލިން އަރައިގަތުމަށް ގަދައަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ހައެއްކަ މަސް ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކޭޓް އާއްމުކުރި މެސެޖެއްގައި އޭނާގެ ފަރުވާ ފުރިހަމަ ކޮށްފައިވާ ކަމަށާއި ކެންސަރުން އޭނާ ސަލާމަތްވެފައިވާކަން މިވަނީ ހާމަކޮށްފަ އެވެ.

ޕްރިންސް ވިލިއަމް އާއި ޕްރިންސަސް ކޭޓްގެ ރަސްމީ ޓްވިޓާ އެކައުންޓުން އާއްމުކޮށްފައިވާ އެ މެސެޖުގައި ބުނެފައިވަނީ ފާއިތުވި ނުވަ މަސް ދުވަަހަކީ އެ އާއިލާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްތަކެއް ކަމަށާއި އެ މުއްދަތުގައި އާއްމުންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެއާއެކު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ބައްޔާ ދެކޮޅަށް އަދިވެސް ހަނގުރާމަ ކުރަމުން އަންނަ އެންމެންނާއެކު ވާ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.

ކޭޓްއަކީ އިނގިރޭސި ވިލާތުގެ ރަސްކަން ދެން އެންމެ އަވަހަށް ލިބެން ހުރި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުންނެވެ. ޕްރިންސް ވިލިއަމްއަށް ރަސްކަން ލިބޭނީ އޭނާގެ ބައްޕާފުޅު ޗާލްސް ރަސްގެފާނުގެ ރަސްކަން ނިމުމުންނެވެ.

2012 ވަނަ އަހަރު ކައިވެނިކުރި ވިލިއަމްއާއި ކޭޓްއަށް ދެ ކުދިން ލިިބިފައިވާއިރު އެ އާއިލާއިން އެމީހުންގެ ދިރިއުޅުމުގެ ކަންކަން އާއްމުންނާ ދޭތެރެ ދޭތެރެއިން ހިއްސާ ކުރަމުންދެ އެވެ.