ފަލަސްތީނުގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ ކުޑަކުދިންނަކީ ހާލުގައި ޖެހިފައިވާ ނިކަމެތި ބަޔަކަށް ވީ ނަމަވެސް އެ ކުދިންނަކީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ތަފާތު ހުނަރުތަކެއް ލިބިގެންވާ ކުދިންތަކެކެވެ.

އެގޮތުން ފަލަސްތީނަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ އަބްދުއް ރަހްމާން އިޔާދުއަކީ އޭނާގެ އުމުރާ އަޅާބަލާއިރު ކެއްކުމުގެ ތަފާތު މޮޅު ހުނަރުތަކެއް ލިބިފައިވާ ކުއްޖެކެވެ.

އަބްދުއް ރަހްމާން

އެންމެ ކުޑައިރުއްސުރެ ވެސް ކެއްކުމަށް ޝައުގުވެރިކަން ހުރި އަބްދުއް ރަހްމާންގެ ޅަފަތުގައި ބޭބެއާއި ކޮއްކޮއާއެކު ކުޅެން އުޅުމުގެ ބަދަލުގައި އޭނާ ވަގުތު ހޭދަކުރީ އޭނާގެ މަންމަ ކައްކާ މަންޒަރު ބަލާށެވެ.

އިސާހިތަކު ބަދިގެއަށް ވަދެ އަބްދުއް ރަހްމާން ވަނީ ޗެފެއްގެ ތޮފި އޭނާގެ ބޮލަށް ހެޔޮވަރު ކޮށްފަ އެވެ. އަބްދުއް ރަހްމާން ފާހަގަ ކުރެވެނީ ސިއްހަތަށް ރަނގަޅު ކެއުންތައް ޝައުގުވެރި އެކި ގޮތްގޮތަށް ގެނެސްދޭ ފަރާތެއްގެ ގޮތުގަ އެވެ.

އަބްދުއް ރަހްމާން

"ބްރޮކޮލީއާއި ކެރެޓް ތަވާގައި ކުޑަކޮށް ހަނާކޮށްލުމަށްފަހު ފުނޑާލުމުން އެއޮތީ ޕާސްތާ ސޯސްގަނޑެއް ހެދިފައި. ރަހަމީރު ކަމުން އެއަށް ތަރުކާރީ އެޅި ކަމެއް ވެސް ނޭނގޭނެ" އަބްދުއް ރަހްމާން ބުންޏެވެ.

އަބްދުއް ރަހްމާން ދުނިޔޭގެ ސަމާލުކަން ހޯދާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި 150،000 އަށްވުރެ ގިނަ މީހުން އޭނާ ފޮލޯކުރާއިރު އެ ޕްލެޓްފޯމްތަކުގައި އަބްދުއް ރަހްމާން އޭނާގެ ރެސިޕީތައް ހިއްސާކުރެ އެވެ.

އަބްދުއް ރަހްމާންގެ އާއިލާ

އާއިލާއާއެކު ދުބާއީގައި ދިރިއުޅެމުން އަންނަ އަބްދުއްރަހްމާނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފަކީ ދުބާއީގެ ޑިޕާޓްމަންޓް އޮފް އިކޮނޮމީ އެންޑް ޓުއަރިޒަމްއިން ހިންގި މާކެޓިން ކެމްޕެއިނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ.

އެ ކެމްޕެއިންގައި އަބްދުއް ރަހްމާން ވަނީ އޭނާއަށް ލިބިފައިވާ ތަފާތު ހުނަރުތައް ކެމެރާ ކުރިމަތީގައި މުޅި ދުނިޔެއަށް ދައްކާލާފަ އެވެ.

އަބްދުއް ރަހްމާންގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ އަމިއްލަ ރެސްޓޯރެންޓް ޗެއިންއެއް ހުޅުވުން ކަމަށް އޭނާ ބުނެ އެވެ.