ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ދައުރުން ބޭރު ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށެވެ. މާދަމާ ރޭ އޮންނާނީ މާދަމާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތައް ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމެވެ.

ޕީޖީގެ މަގާގުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމަށް އާ ޕީޖީއެއް އައްޔަންކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ބޭނުންވާ މިންވަރަށް ސޮއި ހަމަކޮށްފައިވާކަމަށް މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މާދަމާ މެންދުރު 12 ޖަހާއިރަށް ހަމަވާނެ އެވެ. މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވެ ތިން ބޭފުޅަކު ކުށުގެ ރެކޯޑް ސާފުކޮށްފައި ވާކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ކުށުގެ ރެކޯޑް ސާފުކުރި ބޭފުޅުންނަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ގާނޫނީ ވަކީލު އާދަމް ޝަމީމްގެ އިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އެވެ.

މީގެ ތެރެއިން ރައީސް އަށް ފެނިވަޑައިގަންނަވާ ނަންތައް މާދަމާ ރޭގެ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ފޮނުއްވާނެ އެވެ. ޕީޖީގެ ގާނޫނުގައި އޮންނަގޮތުން މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕީޖީއެއް އައްޔަން ކުރަން ޖެހެ އެވެ