2000ގެ ކުރީކޮޅު ބޮލީވުޑްގެ ފިލްމުތަކުން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ފަރްދީން ޚާން 14 އަހަރަށްފަހު ބޮލީވުޑަށް އެނބުރި އަތުވެއްޖެ އެވެ.

2010 ވަނަ އަހަރު ނުކުތް ފިލްމު "ދުލްހާ މިލްގަޔާ"އިން އެންމެ ފަހުން ފެނުނު ފަރްދީން ބޮލީވުޑަށް އަލުން އައިސްފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ހީރާމަންޑީ"އިންނެވެ. އެއަށްފަހު އަކްޝޭ ކުމާރުއާއެކު "ކޭލް ކޭލް މެއިން" އިންވެސް އޭނާ ފެނުނެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފަރުދީން ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާއިން ދުރަށް ދިއުމާއި އެނބުރި އައުމަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ފަރުދީން ބުނީ އެހާ ގިނަ އަހަރުތަކެއް ވަންދެން ދާއިރާއާ ދުރުގައި ހުރުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް މިހާރު ކުރިމަތިވާ ކަމަށެވެ.

އެގޮތުން އޭނާ ފަދަ "ސީނިއާ" ތަރިންނަށްވުރެ އަރަމުން އަންނަ ޒުވާން ތަރިންނަށް ފުރުސަތު ދޭން ޕްރޮޑިއުސަރުން ބޭނުންވާކަން ފަރުދީން ފާހަގަކުރި އެވެ.

އޭގެ އިތުރުން އެހާ ގިނަ ދުވަހު ސްކްރީންއާ ދުރުގައި ހުރުމަށްފަހު ވެސް އެނބުރި އައުމުން ބެލުންތެރިންގެ ފަރާތުން ލޯތްބާއި ތަރުހީބު ލިބެމުން އަންނަ ކަމަށާއި އެކަމަށް އޭނާގެ ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރާ ކަމަށް ވެސް ފަރުދީން ބުންޏެވެ.

ފަރުދީންގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "ވިސްފޮޓް"އާއި އަކްޝޭއާއި ރިތޭޝް ދޭޝްމުކްއާއެކު ފެނިގެންދާ "ހައުސްފުލް 5" ހިމެނެ އެވެ.