ކުރިއަށް އޮތް 24 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު ފެސްޓިވަލް (އައިފާ އެވޯޑްސް)ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ދާދިފަހުން އެ އެވޯޑްގެ ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ މުމްބާއީގައި ބާއްވާފަ އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ ހަފްލާ ހުށައަޅައިދޭން ހަމަޖެހިފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންއަށް އައިސްފައިވާ ބަދަލެވެ.

ފަހަކަށް އައިސް އިސްތަށިގަނޑު ކަނދުރާއާ ހަމައަށް ދިގުކޮށް ފަހަތަށް އައްސާފައި ހުންނަ ޝާހްރުކް ޚާން އެ ބައްދަލުވުމަށް އައިއިރު ހުރީ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިގެންނެވެ.

ބޮލުގައި އަޅާފައިހުރި ތޮފިން އިސްތަށިގަނޑު އެއްކޮށް ނުފެނުނު ނަމަވެސް އޭނާގެ އިސްތަށިގަނޑު ކޮށާލާފައިވާކަން ސާފުކޮށް އެނގެ އެވެ.

ޝާހްރުކް ޚާންގެ އިސްތަށިގަނޑަކީ އޭނާގެ އެންމެ ރީތި އެއް ސިފަ ކަމަށް ގިނަ ބަޔަކު ބުނާއިރު ކުރު އިސްތަށިގަނޑާއި ދިގު އިސްތަށިގަނޑާއެކު ވެސް އޭނާއަކީ ރީތި ފިރިހެނެއް ކަމަށް އެމީހުން ބުނެ އެވެ.

90ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގައި ޝާހްރުކް ޚާން ފެނިގެންދިޔަ ފިލްމުތައް ގިނަ ބަޔަކަށް ކަމުދިޔައިރު އެ ފިލްމުތަކުގައި އޭނާ ހުރީ ކުރު އިސްތަށިގަނޑެއްގަ އެވެ. އެހެން ނަމަވެސް މިފަހުން ނެރުނު "ޕަތާން" ފަދަ ފިލްމުތަކުގައި އޭނާގެ އިސްތަށިގަނޑު ދިގެވެ.

މި މަހުގެ 27 ން 29 އަށް އަބޫދާބީގައި އޮންނަ އައިފާ އެވޯޑްސްއަށް ޝާހްރުކް ޚާން ތައްޔާރުވަމުން އަންނައިރު މިއީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ އެ ހަފްލާ ހުށައަޅައިދޭ ފުރަތަމަ ފަހަރެވެ.