ސުޝާންތު ސިންގު ރާޖްޕުޓްގެ މަރަކީ މުޅި ބޮލީވުޑް ސިއްސުވާލި މަރެކެވެ. މި މަރާއި އެކު ދެން ފެންމަތިވި ބޮލީވުޑްގެ ބޮޑު ޑްރަގް މައްސަލަގަނޑުގެ ތެރޭގައި އޭރު އެންމެ ބޮޑަށް "އަނދާ ހުލިވީ" އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ އެވެ.

އެންސީބީ އިން މިވަނީ މިހާރު މި މައްސަލަ ތަހުގީގު ކޮށް އެކި ދައުވާތައް ހިމެނެ 12،000 ސަފްހާގެ ޗާޖް ޝީޓެއް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ސުޝާންތަށް ޑްރަގް ފޯރުކޮށްދިނުމާއި އެގޭގައި ޑްރަގް ބޭނުންކުރިޔަ ދިނުމުގެ ދައުވާ އުފުލާފައިވެ އެވެ. ރިޕޯޓުގައި ވާގޮތުން ރިއާ ދިޔައީ ނޮވެމްބަރު މަހުގެ 2019 އިން ފެށިގެން އޭނާގެ ބޭބެ ޝޯވިކް ޗަކްރަބޯޓީ އާއެކު ޑްރަގް ސަޕްލައި ކުރަމުންނެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ ރިއާގެ މައްޗަށް އެންމެ މަދުވެގެން ވެސް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ދައުވާތަކުގައި ވާގޮތުން ރިއާ ބޭނުންކުރި ޑްރަގްތަކުގެ ތެރޭގައި ބަޑް، މެރުވާނާ އަދި ގަންޖާވެސް ހިމެނެ އެވެ. ރިއާ އާއި އޭނާގެ ބޭބެގެ އިތުރުން ސުޝާންތްގެ ގޭގެ މެނޭޖަރު ސެމުއެލް މިރާންޑާ އަދި ކައްކާ، ދިޕޭޝް ސާވަންތަށް ވެސް ވަނީ ސުޝާންތުއަށް ޑްރަގް ފޯރުކޮށްދިނުމުގެ ދައުވާ އުފުލާފަ އެވެ.