ވަޒީފާގެ ގިނަދުވަސް ސަސްޕެންޝަންގައި ހޭދަކުރި މިނިސްޓްރީ އޮފް ޔޫތު އެންޑް އެމްޕަވާމަންޓްގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް އާއި މަރިޔަމް ޝިއުނާގެ ހިދުމަތަށް މިނިސްޓްރީން ޝުކުރު އަދާކޮށްފި އެވެ.

މަލްޝާ އަދި ޝިއުނާ އިއްޔެ މަގާމުން އިސްތިއުފާ ދީފައިވަނީ ސަސްޕެންޝަނުގައި ތިބެ މުސާރަ ނަގާތާ އަށް މަސްވެފައިވަނިކޮށެވެ. މި މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ވަނީ ނަގާފަ އެވެ.

މިނިސްޓްރީން މިއަދު ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާއަށް ޝުކުރު ދަންނަވާކަމަށެވެ.

ދެމީހުން އިސްތިއުފާ ދީފައި ވަނީ ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެކަމަށް ސަރުކާރުން އިއުލާން ކުރެއްވި ދުވަހާ ދިމާކޮށް އިއްޔެގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮޮތުގައި ޝިއުނާއާއި މަލްޝާ ވަޒީފާގައި ބޭތިއްބުމަކީ އިންޑިއާއިން ވަރަށް ބޮޑަށް ނުރުހުންވާ ކަމެކެވެ. ބެލެވޭ ގޮތުގައި ދެ މީހުން އިސްތިއުފާ ދީފައި މިވަނީ އިންޑިއާ ރުއްސުމަށް ރައީސް މުއިއްޒު އަންގަވައިގެނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލާގައި ޝިއުނާ އާއި މަލްސާގެ އިތުރުން އެ މިނިސްޓްރީގެ ނައިބު މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފައިވަނީ 7 ޖެނުއަރީގަ އެވެ. މަހުޒޫމް އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ސޯޝަލް މީޑިއާގައި މޯދީއަށް ފުރައްސާރަކުރި މައްސަލައިގައި ރާއްޖެއާއި އިންޑިއާގެ ގުޅުންވެސް ހީނަރުވެގެން ދިޔަ އެވެ. އެކަމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނޭގޮތަށް، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލާ ބޮޑު ކެމްޕޭނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝިއުނާ އަދި މަލްޝާއަކީ ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ރައީސް މުއިއްޒުގެ އަރިސް ދެމީހުނެވެ. ފުރަތަމަ ޕީޕީއެމް ތެރެއިން ރައީސް މުއިއްޒު ވެރިކަމަށް ކުރިމަތި ލެއްވުމަށްވެސް ފާޅުގައި ކެމްޕޭންކުރެއްވީ ޝިއުނާއާއި މަލްޝާ އެވެ.