ރައީސް މުހައްމަދު މުއިއްޒު ކޮންމެ މަހަކު ރައްޔިތުން މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް 50،000 ރުފިޔާ ދެއްވާކަމަށް ބުނާ ވާހަކަ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ދޮގުކުރައްވަފި އެވެ.

ރައީސް މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވާކަމަށް ބުނެ މިއަދު "އަދަދު" ނޫހުން ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން، ހީނާ ވަނީ އެކަން ގޮދު ކުރައްވާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

ރައީސްއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައި އިލްތިމާސްކުރަން،" ހީނާގެ ޕޯސްޓްގައިވެ އެވެ.

ރައީސް މުއިއްޒު މަޖިލިސް މެންބަރުންނަށް ބައިލައްކަ ރުފިޔާ ދެއްވާކަމުގެ އަޑުތައް ފެތުރެންފެށީ އަލަށް ހޮވުނު މަޖިލިސް ހުވާކުރެއްވި ދުވަސްވަރު އެވެ. އެކަމާ ގުޅިގެން "އަދަދު" ނޫހުން ވަނީ މިއަދު ތަހުގީގީ ވީޑިއޯ ރިޕޯޓެއް އާންމުކޮށްފަ އެވެ.

އެ ވީޑިއޯގައި ޕީއެންސީގެ މަޖިލިސް މެންބަރަކު ރައީސްގެ ގެކޮޅުކަމަށްވާ ދިމްޔާތުން ދަބަހެއް ހިފައިގެން ގޮސް ޕީއެންސީ އޮފީހަށް ވަންނަ މަންޒަރު ފެނެ އެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އެ ޕާޓީގެ މަޖިލިސް މެންބަރުން ޕާޓީ އޮފީހަށް ވަންނަ މަންޒަރުވެސް ދައްކަ އެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުން، މެންބަރުންނަށް އެ ރޭ ޕީއެންސީ އޮފީސްތެރޭގައި ފައިސާ ބަހާފައިވެ އެވެ.

ކުރީގެ ރައީސް ޔާމީން ވެސް ވަނީ މިކަމާ ގުޅޭގޮތުން ދާދިފަހުން ވާހަކަ ދައްކަވާފަ އެވެ. ރައީސް މުއިއްޒު ޕީއެންސީ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު މުލިއާގޭގައި ފައިސާ ދެއްވާކަމަށް ޔާމީން ވަނީ ތުހުމަތުކުރައްވާފަ އެވެ.