އިނގިރޭސި މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވީޑިއޯ މިއުޒިކް އެވޯޑްސްގެ މި އަހަރުގެ އަދަދު ބާއްވައިފި އެވެ.

ރޭ ނިއުޔޯކްގެ އެލްމޮންޓް ޔޫބީއެސް އެރީނާގައި އޮތް އެ އެވޯޑް ހަފްލާގައި މުނިފޫހި ފިލުވުމުގެ ދާއިރާއަށް ނިސްބަތްވާ ގިނަ މޫނުތަކެއް ފެނިގެންދިޔަ އެވެ.

މިއުޒިކް ވީޑިއޯތަކާއި ލަވަތަކަށް ހާއްސަކޮށްގެން ދޭ ވީއެމްއޭ އެވޯޑްގެ 40 ވަނަ އަދަދުގައި އެންމެ ގިނަ އެވޯޑް ލިބުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށެވެ. އޭނާގެ ލަވަ "ފޯޓްނައިޓް" ވަނީ އެވޯޑްގެ ތެރެއިން ވިދާލާފަ އެވެ.

އެ ލަވައަށް އެވޯޑް ލިބުނު ކެޓެގަރީތަކަކީ ބެސްޓް ވީޑިއޯ، ބެސްޓް އާޓިސްޓް، ސޯންގް އޮފް ދަ ސަމާ، ބެސްޓް ކޮލެބޮރޭޝަން، ބެސްޓް ސިނަމެޓޮގްރަފީ، ބެސްޓް އެޑިޓިން، ބެސްޓް ޕޮޕް ވީޑިއޯ އަދި ބެސްޓް ޑިރެކްޝަން އެވެ.

ޓޭލާގެ އިތުރުން އެވޯޑްތައް އުފުލާލި ތަރިންގެ ތެރޭގައި ކޭޓީ ޕެރީ، އެމިނެމް އަދި ކޭޕޮޕް ބޭންޑް ބްލެކްޕިންކްގެ ތަރި ލިސާ ހިމެނެ އެވެ.

އެވޯޑްގެ ތެރެއިން ސެބްރީނާ ކާޕެންޓާ، ކެމިލާ ކަބޭލޯ، ޝޯން މެންޑޭސް، ކޭޓީ ޕެރީ، އެމިނެމް ހޯލްސޭ އަދި ލިސާ ފަދަ ތަރިން ތަކެއްގެ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންދިޔަ އެވެ.

ވީއެމްއޭ އެވޯޑްގެ ހައްގުވެރިން ހޮވަނީ ބެލުންތެރިންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މިފަހަރުގެ އެވޯޑަށް ވެސް އެތައް މިލިއަން ބަޔަކު ވޯޓުދީފައިވެ އެވެ.