މި އަހަރުގެ މެޓް ގާލާގައި ތަފާތު ގޮތަކަށް ފެނުމަށްފަހު ބޮލީވުޑްގެ ތަރި އާލިއާ ބަޓް ޕެރިސް ފެޝަން ވީކްގެ ސްޓޭޖުން ފެންނަން ތައްޔާރުވެއްޖެ އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެޝަން އެންޑް ބިއުޓީ އިވެންޓްގައި އާލިއާ ފެނިގެންދާނީ ލޮރެއާލްގެ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގަ އެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިވެންޓުގެ ރަތް ދޫލައިން އާލިއާ ފެނިގެންދާއިރު އެ އިވެންޓުގެ މިއަހަރުގެ ތީމްއަކީ "ވޯކް ޔޯ ވޯތު"އެވެ.

އެއީ ފާއިތުވި ފަސް އަހަރެކޭ އެއްފަދައިން އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ބޭނުމުގައި ކަނޑައަޅާފައިވާ ތީމެކެވެ.

އާލިއާގެ އިތުރުން އެ އިވެންޓުގައި ބައިވެރިވާ ލޮރެއާލްގެ އެހެން އެމްބެސެޑަރުންގެ ތެރޭގައި އައިޝްވާރްޔާ ރާއީއާއި ކެންޑަލް ޖެނާ ހިމެނެ އެވެ.

"ފުރަަތަމަ ފަހަރަކީ އަބަދުވެސް ހާއްސަ ފަހަރެއް. ޕެރިސް ފެޝަން ވީކްގައި ބައިވެރިވާން ލިބުމަކީ އަހަންނަށް ލިބުނު ޝަރަފެއް" އާލިއާ ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު އާލިއާ ވަނީ މެޓް ގާލާއިން ވެސް ފުރަތަމަ ފަހަރަށް ފެނިފަ އެވެ. އެ ފެނިލުމަށްވެސް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.