ލޮލުކޮޅަށް ފެންނަހާ ދުރަށް ފެތުރިފައިވަނީ ދަނބު ކުލައިގެ ވާދީއެކެވެ. ކޮންމެ ފަރާތަކުން ވެސް ފެންނަނީ ގުދުރަތީ ރީތިކަމާއި އޭގެ ފުރިހަމަ ކަމެވެ. ލެވެންޑާ މަލުގެ ވަހުންނާއި އޭގެ ރީތިކަމުން ހިތަށް ހިތްހަމަޖެހުން ލިއްބައިދެ އެވެ.

ސިފަކޮށްދޭން މަސައްކަތް މިކުރަނީ ފްރާންސްގެ ސަރަހައްދެއް ކަމަށްވާ ޕްރޮވެންސްގައި ކުރެވޭނެ ތަޖުރިބާ އެވެ. އެ ސަރަހައްދުން ހިތަށް ލިއްބައިިދޭނެ ހިތްހަމަޖެހުމެވެ.

ފްރާންސްގެ ޕްރޮވެންސްގެ ހިތްގައިމު މަންޒަރެއް

ޕްރޮވެންސްއަކީ މުޅި ދުނިޔޭގައި ވެސް ލެވެންޑާ މަލުގެ ވާދީތަކަށް އެންމެ މަޝްހޫރު މަންޒިލެވެ. އެ އަވަށުގައި ލެވެންޑާގެ އެތައް ބަގީޗާއެއް ހުންނައިރު ކޮންމެ ބަގީޗާއަކީ ވެސް އެހާމެ ރީތި ތަނެކެވެ.

އޭގެ ތެރެއިން ވެސް "ކެމިން ޑެސް ލެވިންޑެސް"ގެ ނަމުން މަޝްހޫރުވެފައިވާ މަގަކީ އެ މަގުގެ ދެ ފަރާތުން ލެވެންޑާގެ ވާދީތައް ފެތުރިފައިވާ މަގެކެވެ.

ކެމިން ޑެސް ލަވެންޑަސްގައި މީހަކު ފޮޓޯއަކަށް ހުއްޓިގެން

ކޮންމެ އަހަރަކު ވެސް އެތަނަށް އެތައް ހާސް ފަތުރުވެރިންނެއް ޒިއާރަތް ކުރާއިރު އެ މަގުގައި ހުއްޓިހުރެ ފޮޓޯއެއް ނެގުމަކީ ވެސް ގިނަ ބައެއްގެ ހުވަފެނެކެވެ.

ޕްރޮވެންސްގައި ލެވެންޑާ މަލުގެ މޫސުން ފެށެނީ ޖޫން މަހުގެ ފަހުކޮޅު އެވެ. އޮގަސްޓް މަހުގެ ނިޔަލަށް އެ އަވަށުގެ ކޮންމެ ދިމާލަކުން ވެސް ލެވެންޑާ މަލުގެ ވާދީއަކަށް ދެވޭނެ އެވެ.

ފްރާންސްގެ ޕްރޮވެންސްގެ ހިތްގައިމު މަންޒަރެއް

މީގެ އިތުރުން ވެސް ޕްރޮވެންސްއަކީ ލެވެންޑާއާއި ލެވެންޑާއާ ގުޅޭ އެތައް ތަޖުރިބާއެއް ވެސް ކުރެވޭނެ ތަނެކެވެ. އެ އަވަށުގައި ލެވެންޑާ ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް އުފައްދާއިރު އޭގެ ތެރޭގައި ލެވެންޑާ ތެލާއި ސައިބޯނީގެ އިތުރުން ސެންޓު ވެސް ހިމެނެ އެވެ.

ފްރާންސްއަކީ އެގައުމުގެ ސަގާފަތާއި "ސިޓީ ލައިފް"ގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތްކުރާ ގައުމަކަށްވާއިރު، ޕްރޮވެންސްގެ ލެވެންޑާ ވާދީތަކަކީ އެގައުމަށް ޒިއާރަތް ކުރަންވީ ސަބަބުތަކަށް އިތުރުވި ބޮޅެކެވެ.