ދިވެހި ރައްޔިތަކު ބޭސްފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލު އާސަންދައިން އާއްމުކުރުމަކީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެނާގެ ޒާތީ ދިރިއުޅުމުގެ ހުރުމަތްތެރިކަން ނަގައިލުންކަމަށް ވިދާޅުވެ އެކަން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުށްވެރި ކުރައްވައިފި އެވެ.

އާސަންދައިން ބަލި މީހެއްގެ ބަލީގެ ތަފްސީލުތަކެއް ހާމަކޮށްފައި ވަނީ އެ ކުންފުނީގެ ދަށުން ބެންގަލޫރުގެ އެސްޓާ ސީއެމްއައި އިން ފަރުވާ ހޯދަމުން ދިޔަ ބަލިމީހަކަށް އާސަންދަ ކަނޑާލައި ހާލުގައި ޖެއްސިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށްބުނެ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.

މިކަމާ ގުޅިގެން ފައްޔާޒު މިއަދު ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކަށް މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރާ ފައިސާގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ދެކޮޅުހަދަމުންދާ ސަރުކާރަކުން އާއްމު ރައްޔިތެއްގެ ޒާތީ މައުލޫމާތު ހާމަކުރުން ކުށްވެރިކުރައްވާ ކަމަށެވެ.

އެކި ތަންތަނުން އާސަންދައިގެ ހިދުމަތް ކެނޑެމުންދާކަމާއި ޑޮކްޓަރަށް ދެއްކުމަށާއި ބޭސް ނެގުމަށް އާސަންދައިން ކަވަރުކުރާ މިންވަރު މަދުކުރަމުންދާކަން ސަރުކާރުން ދޮގުކުރިޔަސް، އެކަމުގެ ދަތިކަން ތަހައްމަލުކުރަނީ ރައްޔިތުންކަމުގައި ވީތީ، ރައްޔިތުން އެވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލިމީހެއްގެ ބޭސްފަރުވާއަށް ހޭދަކުރި އަދަދު ކަމަށް ބުނެ ބޮޑެތި އަދަދަދުތަކެއް ހާމަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭސްފަރުވާއަށް އަމިއްލަ ފަރާތްތަކުން ނަމަވެސް އިތުރަށް އެހީއެއް ލިބުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި ސަރުކާރުން ނުކޮށްދިން ނަމަވެސް، އިތުރު އެހީ ލިބުމުގެ ފުރުސަތު މިގޮތަށް ނަގައިނުލުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

"މި ސަރުކާރަށް އައު ކަމެއް ނުކުރެވޭ އިރު، ކުރިންސުރެ ރައްޔިތުންނަށް ލިބެމުންދިޔަ ފަސޭހަތަށް ދެމެހެއްޓުން މުހިންމު،" ފައްޔާޒު ވިދާޅުވި އެވެ.