މަދިރި ހެފުމުން ބައެއް މީހުންގެ ގައި ހިރުވައި، ފިތްނަގައި، ފާރުވާ ހިސާބަށްދާއިރު، އަނެއްބައި މީހުންނަށް މަދިރިއެއް ހެފި ހެނެއްވެސް ހިއެއް ނުވެ އެވެ.

މިކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި ދާދިފަހުން ކުރެވުނު ދިރާސާއަކުން ގައި ހިރުވުމާއި އެކިމީހުންގެ ދިފާއީ ނިޒާމުގެ މަސައްކަތާއި ގުޅުމެއްވާކަން ހާމަވެއްޖެ އެވެ. ލެބޯޓަރީ މީދާތަކެއް ބޭނުން ކޮށްގެން އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލުން ކުރި މިޓެސްޓްތަކުން ހޯދުނު ގޮތުގައި، ހަމުގެ ދަށުގައިވާ ފަށަލައިގައި ހިމެނޭ ސެންސޮރީ ނިއުރޯންސް ނުވަތަ ނާވްސެލްތަކުން މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ، އިހްސާސް އުފައްދަ އެވެ. އެ އިހުސާސްތަކުގެ ތެރޭގައި ތަދުވުން ހިމެނެ އެވެ.

މިސާލަކަށް މަދިރިއެއް ހެފުމުގެ ސަބަބުން އޭތީގެ ކުޅު އިންސާނާގެ ހަމުގެ ތެރެއަށް ދޫކޮށްލުމުން ހިރުވުމެއް އުފައްދަ އެވެ. އަދި ހަމައެއާއެކު ނާވްސެލްތަކުގެ ކައިރި ހިސާބުތަކުގައިވާ ދިފާއީ ސެލްތައް ކުއްލި ހާލަތަކަށް ގެނެސް، މަދިރި ހެފިތަން ވަށައިގެން ދުޅަ އުފައްދަ އެވެ. އަވަސް އަވަހަށް މަދިރި ހަފާ މީހުންގެ ދުޅަހުރުން އާންމު ކަމަކަށްވެ، އަބަދު އެލާޖިކްވާނަމަ، އެދި ދިމާލުގައިވާ ހަމުގެ ފަށަލައަށް ބަދަލުތަކެއް އާދެ އެވެ. ނަތީޖާއަކަށް ވަނީ ދިފާއީ ސެލްތަކުން ނާރުތައް އަބަދުވެސް ތައްޔާރީ ހާލަތެއްގައި ބެހެއްޓުމެވެ.

ހާވާޑްގެ ޓެސްޓްތައް ކުރުމުގައި އިސްކޮށް ހުންނެވި ޑޮކްޓާ ކެރޮލިން ސްކޮލް އާއި އޭނާގެ ޓީމުން ލެބޯޓަރީ މީދާތަކާއި "ޕަޕައިން " ކިޔާ މާއްދާއަކާ ގާތް ކުރި އެވެ. އެ މާއްދާއަކީ މީދާގެ ހަންގަނޑުގައި ޖެހުމުން ހިރުވުން އުފައްދާ މާއްދާއެކެވެ.

ލެބޯޓަރީގައި ބޭނުންކުރި މީދާތަކުގެ ހަށިގަނޑުގައި ވަކިވައްތަރެއްގެ ދިފާއީ ޓީސެލްތަކެއް ނެތުމުން ހިރުވުމެއް ނުއުފައްދަ އެވެ. މިހޯދުން ބޭނުންކޮށްގެން ގައި ހިރުވުމުގެ ބަލިތަކަށް ފަރުވާއެއް ހޯދިދާނެ ކަމަށް އެ ޓީމުން ލަފާކުރެ އެވެ.