އެކި މީހުންނަށް އެމީހެއްގެ މުސްކުޅި އުމުރު ފެށެނީ އެކިހިސާބުން. ވީމާ މުސްކުޅިވީތޯ ކަނޑައަޅާނީ އެމީހަކު އަމިއްލަ އަށް. ރަނގަޅު ކާނާއާއި ގަވައިދުން ކަސްރަތު ކުރުމުގެ ސަބަބުން ގިނަ މީހުންނަކީ މިދިވެހި މުޖަތަމައުގައި އަސްލު އުމުރަށް ވުރެ ރީތިކޮށް ތިބޭ ބައެއް.

ގާތް ކޮށްލުމުގެ ގޮތުން ދައްތާ އޭ، ބޭބޭ އޭ ނުވަތަ ކޮއްކޯ އޭ ބުނެލުމަކީ ދިވެހި ސަގާފަތުގެ ތެރެއިން ރީތި ކަމެއްކަމުގައި ކުރިން ބެލެވިފައިވީ ނަމަވެސް އެކަން މިހާރު ބަދަލުވަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓްތަކުން ދޭހަވެ އެވެ. ދިވެހިން އެކަކު އަނެކަކަށް ގާތްކޮށްލުމުގެ ގޮތުން ބުނެ އުޅުނުބަސް، ކުރިން ބުނެ އުޅުނީ އެބަސް ނިސްބަތްވާ މީހެއްގެ އުމުރު ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލާފަ އެވެ. އެހެންނަމަވެސް ރާއްޖޭގައި ބިދޭސީން ގިނަވެ ދިވެހީން އެކަކު އަނެކަކާ މުޚާތަބު ކުރަން ގެންގުޅުނު ބަސްތައް ބޭނުންކުރުމުގައި އޮޅުވާލައި، އުމުރާ ނުގުޅޭ ގޮތަށް މުޚާތަބު ކުރެވެން ފެށި އެވެ.

"ކޮއްކޮ" ބޭނުން ކުރަން ނޭނގި ކޮންމެ އުމުރެއްގެ މީހަކަށްވީ ނަމަވެސް އަންހެން ވިއްޔާ ދައްތަ ފިރިހެނެއް ވިއްޔާ ބޭބެ، ބޭނުންކުރަން ފެށި އެވެ. ދިވެހިންގެ ތެރޭގައި ވެސް މާބޮޑު ވިސްނުމަކާނުލައި ދުލުން ދޫކޮށްލެވޭ މިފަދަ ބަސްތަކުން މިހާރަކަށް އައިސް މީހުންނަށް ހިތްނުތަނަވަސް ކަން ގެނުވަ އެވެ. ކީއްވެ ހެއްޔެވެ؟ އުމުރުން ދުވަސްވެފައިވާކަމުގެ އިހްސާސް ކުރުވާ ފަދަ ނަމެއް ބޭނުން ކުރެވޭތީ އެވެ.

ބަލިމީހާ ކަށަވަރު ކުރުމަށާއި މީހަކު ހިތް ނޭދޭ ގޮތަށް އެމީހަކާ މުޚާތަބުނުކުރުމުގެ ގޮތުން ކޮންމެ މީހަކަށް ވެސް ދީފައިވާ ނަން ބޭނުންކުރުމަކީ ސީއްހީ ދާއިރާގައި އަމަލުކުރެވޭ ގޮތެވެ. މިއީ ބަލިމީހާއަށް އިހުތިރާމް ކުރުމުގެ ގޮތުން ވެސް ކުރެވޭ ކަމެކެވެ.

މުސްކުޅިވުން ފެށޭ އުމުރު އެކި މީހުންގެ ނަޒަރުގައި ތަފާތު

އެކި މީހުންނަށް އެމީހެއްގެ މުސްކުޅި އުމުރު ފެށެނީ އެކި ހިސާބުންނެވެ. ވީމާ މުސްކުޅިވީތޯ ކަނޑައަޅާނީ އެމީހަކު އަމިއްލައަށެވެ. ރަނގަޅު ކާނާއާއި ގަވައިދުން ކަސްރަތު ކުރުމުގެ ސަބަބުން ގިނަ މީހުންނަކީ މިދިވެހި މުޖަތަމައުގައި އަސްލު އުމުރަށް ވުރެ ރީތިކޮށް ތިބޭ ބައެކެވެ.

ސައިކޮލޮޖީ އެންޑް އޭޖިންގް ކިޔާ މަޖައްލާއެއްގައި ދާދިފަހުން ޝާއިއުކުރި ހޯދުމެއްގައިވާ ގޮތުން، މުސްކުޅި އުމުރު ފެށެނީ ކޮން އުމުރަކުންތޯ 14،000 މީހުންނާ ސުވާލު ކުރި އެވެ. އެ އެންމެންވެސް އުފަންވެފައި ވަނީ 1911 އާއި 1974 އާއި ދެމެދުގަ އެވެ. އެތަނުން 60 އަހަރުގެ މެދުތެރޭގައިވާ މީހުން މުސްކުޅިވާ އުމުރުކަމުގައި 75 އަހަރު، ބުނެފައިވެ އެވެ. އެ ޖަވާބުގެ ސަބަބުން އުމުރު މައްޗަށް ދާވަރަކަށް، މުސްކުޅިވާ އުމުރުކަމުގައި މީހުން ދެކޭ އުމުރު ކުރިއަށް ޖައްސާކަމަށް، މިހޯދުމުގައި ހަރަކާތްތެރިވި ޓީމުން ބުންޏެވެ.

މިހޯދުމުމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. މާކަސް ވެޓްސްޓެއިން ވިދާޅުވާ ގޮތުގައި އެވްރެޖްކޮށް ކުރިއާ އަޅާބަލާއިރު މީހުންގެ ސިއްހަތު ރަނގަޅުވެފައި މީހުންގެ އުމުރު ދިގުވުމުގެ ސަބަބުން މިހާރު މީހުންގެ ތެރޭގައި މުސްކުޅިންގެ ގޮތުގައި ކިޔާ އުމުރު ވެސް ވަނީ މައްޗަށް ޖެހިފަ އެވެ.

ހޯދުމުގައި ބައިވެރި ބައެއް މީހުންގެ ނަޒަރުގައި މުސްކުޅި އުމުރު ކަމުގައި ބެލެވެނީ ވަޒީފާއިން ވަކިވާންޖެހޭ ނުވަތަ ރިޓަޔާމަންޓް އުމުރެވެ. އެގޮތުން ބުނާނަމަ ޖާމަނީގައި އެއީ 67 އަހަރެވެ. އެމެރިކާގައި 66 އަހަރެވެ. (ރާއްޖޭގައި ނަމަ 65 އަހަރު) އެވެ. ނަމަވެސް އުމުރު ދިގުވަނީ މަދު ބަޔަކަށް ކަމަށް އެބޭފުޅުން ވިދާޅު އެވެ. އެހެންވީމަ މުސްކުޅިވާ ކަމަށް ދެކޭ އުމުރަކީ އަބަދު މައްޗަށް ދާނެ އުމުރެއް ނޫންކަމަށް ވެސް އެބޭފުޅުން ދެކެ އެވެ.

މިހޯދުމުގައި އަންހެން ބައިވެރިން މުސްކުޅިވާ އުމުރުކަމުގައި ބުނެފައި ވަނީ ފިރިހެނުންނަށް ވުރެ ދެއަހަރާއި ބައި ބޮޑުކޮށެވެ. މީގެ އިތުރުން ދިރިއުޅޭ ސަރަހައްދާއި، ސިއްހަތު ތަންދޭވަރާއި، އެކަނިވެރިވުމަކީ މުސްކުޅިވާ އުމުރާއި ދޭތެރޭ ތަފާތު ގޮތްގޮތަށް މީހުން ދެކޭ ކަންކަމެވެ.

މިހޯދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން ދެކޭ ގޮތުގައި މުސްކުޅިކަމަށް އަމިއްލައަށް ދެކޭ އުމުރު މަތި ކުރުމަކީ ބިރުވެރި އަލާމާތެކެވެ. އެއީ އަމިއްލަ ސިއްޚަތަށް ފަރުވާ ކުޑަކުރެވި، ޖެހޭ ބަލިތަކަށް ސަމާލުކަން ކުޑަވާނެ ކަމަކަށް ވާނެތީ އެވެ.