ޝާހާއަކީ އެކަނިވެރި މައެއް. މޮޅު ކެއްކުންތެރިއެއް. ނަމަވެސް 3 ދަރިން ލިބުނު ފަހުން އެކަނިވެރިވި. އަތްމަތި ދަތިވި. ހަތަރު އުދަރެސް ފެނުޖެހުނު ވަގުތު ހަދާނެގޮތް ހުސްވެފައި ހުއްޓައި ގާތް ރައްޓެހިން އޭނާ ކޮޅަށް ޖެހުމަށް ދިން ނަސޭހަތަކީ އާމްދަނީ ހޯދުމަށް ކާބޮތަކެތީގެ ވިޔަފާރި ކުރުމަށް. މިއަދު އޭނާއަކީ ވަޒީފާގައި އުޅެމުން ދަރިންގެ ޚަރަދުތައް ބަލަހައްޓާ ހީވާގި މަންމައެއް. ބަސްއަހާ ދަރިއެއް. ވަފާތެރި އެކުވެރިއެއް. ހީވާގި މުއައްޒިފެއް.

މީހުން ގިނަ، ހަލަބޮލި، ކާރުބާރޫ ބޮޑު މަގުތަކުން ފުރިފައިވާ މާލެއާއި ގާތްގަނޑަކަށް 378.07 ކިލޯމީޓަރު ދުރުގައިވާ ހުވަދު އަތޮޅަކީ ރާއްޖޭގައި އޮތް އޮންމެ ބޮޑު މުރަކައިގެ ބަގީޗާތަކުގެ ތެރޭން ބަގީޗާއެއް އޮންނަ އެއް އަތޮޅެވެ. ހުވަދުއަތޮޅު އުތުރުބުރީގެ ވެރިކަންކުރާ ވިލިނގިލިއަކީ މަސައްކަތްތެރިން ގިނަ ޒަމާނީ ތަރައްގީގެ ކުލަޖެހިފައިވާ ހިތްފަސޭހަ އަދި އެހާމެ ހިތްގައިމު ރަށެކެވެ. އެރަށުގެ ރައްޔިތުންނަކީ ވަރަށް ދީލަތި އެހާމެ ހިތްހެޔޮ ބައެކެވެ.

ޝާހާ އަބްދުއްރަޝީދު ރަށްވެހި ވެފައިވަނީ މާލޭގަ އެވެ. ނަމަވެސް އޭނާގެ މަންމަ ނިސްބަތްވާ ގއ. ވިލިނގިލީގައި ދިރިއުޅެން ބޭނުންވި އެންމެބޮޑު އެއްސަބަބަކީ ވެސް ރަށުން ލިބޭ ސާފުވަޔާއި ހިތްފަސޭހަކަމެވެ. އޭނާ ދިރިއުޅެނީ އެރަށުގެ ރޯހައުސެއް ކަމަަށްވާ ހައުސިން ޔުނިޓް 17 ގައި ތިން ދަރިންނާއި އޭނާގެ މަންމަ އާއެކު އެވެ. ޝާހާއަކީ އެކަނިވެރި މައެކެވެ. އޭނާގެ ހަޔާތުގައި ނެގި ބިޔަރާޅުތަކު ތެރޭގައި ހިތްވަރާއި ،ހިތްމަތާއި މިންނަތާއެކު އުފާވެރި އަދި ތަނަވަސް ދިރިއުޅުމަކަށް ކުރި ދަތުރު "ހުރިހާ" އާއި ހިއްސާކުރީ އެހެން މީހުނަށް ވެސް އެއިން ފިލާވަޅެއް ދޭން ބޭނުންވާތީ އެވެ.

ފުން ހިތާމައަށްފަހު ކާމިޔާބުގެ ދޮރުތަކެއް ހުޅުވުނު

ތައުލީމު އުނގެނުމަކީ އޭނާ ވަރަށް އިސްކަމެއް ދޭކަމެކެވެ. މާލެއިންނާއި ވިލިނގިލިން ތައުލީމު ހާސިލްކުރުމަށް ފަހު ޓީޗިން ހަދަން ބޭނުންވި ނަމަވެސް ކިޔެވުން މެދުކަނޑާލައިފައި ވަރަށް ހަގު އުމުރެއްގައި ޒަވާޖީ ހަޔާތެއް ފެށީ، ފޮނި އުންމީދުތަކަކާއެކު އެވެ. ނަމަވެސް 3 ދަރިން ލިބުނު ފަހުން އެކަނިވެރިވި އެވެ. އަތްމަތި ދަތިވި އެވެ. ހަތަރު އުދަރެސް ފެނުޖެހުނު ވަގުތު ހަދާނެގޮތް ހުސްވެފައި ހުއްޓައި ގާތް ރައްޓެހިން އޭނާ ކޮޅަށް ޖެހުމަށް ދިން ނަސޭހަތް މިއަދުވެސް އޭނާ ހަނދާން އެބަހުއްޓެވެ.

"ރައްޓެއްސެއް ބުނީ މީރުކޮށް އެއްޗިހި ހަދައިގެން ވިއްކަންވީ ނޫންހޭ، ފުރަތަމަ ކަސްޓަމާސްއަށް ތިމަންނަ ވާނަމޭ، އޭނަ ބުނި ބުނުމަކަށް ކާތަކެތި ހަދަންފެށީ. އެއީ ފުރަތަމަ ލިބުނު އޯޑާއަކީވެސް. ފުރަތަމަ ހެދީ ޑޯނަޓްސް،" ޝާހާގެ ފުރަތަމަ ތަޖުރިބާ ހިއްސާކޮށްލި އެވެ.

ޝާހާގެ ފުރަތަމަ ތަޖުރިބާ ވަރަށް ކާމިޔާބެވެ. ޑޯނަޓްސް ރަހަބެލި މީހުންގެ ފަރާތުން ލިބުނީ އޭނާ ހީވެސްކޮށްފައި ނުވާ ފަދަ ތަރުހީބެކެވެ. ކެއްކުމުގެ މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް ލިބުނު ޕޮޒިޓިވް ކޮމެންޓްސްގެ ސަބަބުން ކެއްކުމަށް ޝައުގުވެރިކަން އުފެދުނެވެ.

ޝާހާ ވިއްކާ ހެދިކާ: ހެދިކާ ހެދުމުގައިވެސް އެންމެބޮޑު އެހީތެރިކަމެއް ވެދެނީ އޭނާގެ މަންމަ

"އަޅުގަނޑަކީ ކުރިން ކެއްކުމަށް އެހާ މޮޅު މީހެއް ނޫން. އެހެން ނަމަވެސް ޓްރައި ކޮށްލީމަ އެކަން ވަރަށް ފަސޭހަވި،" ޝާހާ ކެއްކުމުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދިނެވެ.

އޭނާގެ މަންމަ ފަރާތުގެ އެއް ބޮޑުދައިތައަކީ މާލޭގައި ހެދިކާ ހަދައިގެން ވިއްކި މީހެކެވެ. ޝާހާގެ މަންމައަށް އެ ބޮޑުދައިތަގެ ފަރާތުން ހެދިކާ ހެދުމުގެ މަސައްކަތް ވަނީ ދަސްވެފަ އެވެ. ޝާހާއަށް ދަސްވީ އޭނާގެ މަންމަ ފަރާތުންނެވެ.

ވިލިގިލިއަށް ފުރަތަމަ މެގްނަމް ޕުޑިންގް ތައާރަފުކުރީ ޝާހާ

ޝާހާ އަމިއްލަ ރެސިޕީ ވެސް ތައްޔާރު ކުރެ އެވެ. މާލޭގައި މެގްނަމް ޕުޑިންއަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދުވަސްވަރު ވިލިނގިލިއަށް އެންމެ ފުރަތަމަ މެގްނަމް ޕުޑިން ތައާރަފް ކުރީ ވެސް އޭނާ އެވެ. ވިލިގިލީގައި ދެތިން ބޭކަރީ ހުރިނަމަވެސް ބޭކަރީން ނުލިބޭ އެއްޗެހި އޭނާ ތައްޔާރުކުރަން ފެށުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

ޝާހާ ތައްޔާރު ކުރާ ބާވަތްތަކުގެ ތެރޭގައި ކުދި ޑޯނަޓްސް، ބިސްކަޓް ފަޖް، ކުޅި ހެދިކާ، ފްރެންޗް ފްރައިސް ބޭނުންކޮށްގެން ހަދާ ތަފާތު ކާއެއްޗެއްސާއި، ފޮނި ހެދިކާގެ ބާވަތްތައް ހިމެނެ އެވެ.

"ވައިބާ ކޮމިއުނިޓީ ގްރޫޕެއް ހަދައިގެން އެންމެންގެ އޯޑާސް ވައިބާ މެދުވެރިކޮށް ނަގަމުން އައީ. އަޅުގަނޑުގެ އިސްތިހާރުތައް ފެނި ވައިބާ ގްރޫޕަށް ވަންނަ މީހުން ވެސް ގިނަވި. އޭގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށު މީހުން ވެސް ހިމެނޭ. ކައިރި ރަށްރަށަށް އެކަނި ޑެލިވާ ކޮށްދެވެނީ އަދި،" އޭނާގެ މަސައްކަތް އިތުރަށް ފުޅާވި ގޮތް ކިޔައިދެމުން ބުންޏެވެ.

ޝާހާ ހިތާމަތާ ދުރުވެލައި ހިނިތުންވެލި: ހެދިކާ ހަދަންފެށީ ރައްޓެހިން ދިންނަސޭހަތް އަޑުއަހައިގެން

ފްރޯޒަން ހެދިކާ ޕެކްސް އާއި ޑެސާޓް ހެދުމަށް ވެސް އޭނާ މޮޅެވެ. އެކަން ފެށުނީ 2023ގެ ރޯދަމަހުގައި ހިނގި އެކްސިޑެންޓެއްގައި އޭނާގެ ފައިބިންދައިގެން ދިޔުމާއި ގުޅިގެންނެވެ. އެދުވަސްވަރު އާއިލާ އާއި ގާތްރައްޓެހިންނާއި އަދި ކަސްޓަމާސްގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަން ޝާހާ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.

"ފައިބިނދިފައި އޮތީމަ މަންމަގެ އެހީއާއެކީ އެ މަސައްކަތް ކުރީ،" އޭނާ ބުންޏެވެ.

އޭނާގެ މަސައްކަތުގެ ތެރެއަށް އިތުރު ބޮޅެއް އެމުނިގެން ދިޔައީ މިދިޔަ އަހަރު ކޭކު އަޅަން ފެށުނު ހިސާބުންނެވެ. ކޭކު އެޅުމަކީ އޭނާގެ މަންމަފަރާތު ދެބެންގެ ދެދަރި ދައްތައެއްގެ ފަރާތުން ތައާރަފްވެ، ޝައުގުވެރިކަން އުފެދުނު މަސައްކަތެކެވެ. އެއްވެސް ކޯހެއް ހެދުމެއްނެތި، ޔޫޓިއުބުން ބަލައިގެން އަމިއްލައަށް ކޭކުއެޅޭތޯ މަސައްކަތް ކޮށްލުމުން އެކަން ވެސް ކުރެވުނެވެ.

"ފުރަތަމަ ވެސް ކޭކެއް އެޅީ ބައްޕައިންގެ ދުވަސް ފާހަގަކުރުމަށް. ފުރަތަމަ ކޮޅު ބުރަވިނަމަވެސް މިހާރު ހިތްހަމަޖެހޭ ވަރަށް އެ މަސައްކަތް ކުރެވޭ،" ވިލިނގިލީގައި ހުންނަ އެސްޓީއޯ ފިހާރައިގެ ސޭލްސް ރިޕްރަސެންޓޭޓިވްއެއްގެ ވަޒީފާގަ މިހާރު ފުލްޓައިމްކޮށް މަސައްކަތްކުރާ ޝާހާ ބުންޏެވެ.

މަސައްކަތުގެ ސްޕީޑު ހަލުވި ނަމަވެސް އެމަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަން ވަރަށްބޮޑު ކަމަށް އޭނާ ބުންޏެވެ. ރަށުން ނުލިބޭ ތަކެތި އޭނާ ހޯދަނީ މާލެއިންނާއި، ތިނަދޫއިންނާއި އަދި އައްޑޫއިންނެވެ.

ޝާހާ ކޭކުގަ އައިސިންޖަހަނީ: ކޭކުއަޅަން ދަސްކުރީ އަމިއްލައަށް

ޝާހާއަށް ހިތްވަރުދޭ މީހުން ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި އޭނާގެ މަންމަ އާއި އާއިލާ މީހުން އަދި ގާތް ރައްޓެހިން ހިމެނެ އެވެ. އެ ހިތްވަރުން އޭނާގެ އަޒުމް ވަރުގަދަވި އެވެ. ކުރިން ޓީޗިން ހަދަން ބޭނުންވެފައި އެ ދާއިރާއިން ކުރިއަށް ދެވިފައިނެތް ނަމަވެސް ރަށު ސްކޫލުން ރިލީފް ޓީޗަރެއްގެ ވަޒީފާ ލިބުމުން، ކުލަ ނުޖެހިއޮތް ހުވަފެނުގައި ކޮންމެވެސް ސިފައެއްގައި ކުލަޖައްސަން އޭނާ ބޭނުންވި އެވެ. އެގޮތުން ސްކޫލް ރިލީފް ޓީޗަރެއްގެ ވަޒީފާއާއި ކުރިމަތިލި އެވެ. އަދި ދެއަހަރު އެވަޒީފާގައި ދެމިހުއްޓެވެ. އޭގެ ފަހުން އެއްއަހަރު ވަންދެން ޕްރީ ސްކޫލް ޓީޗަރެއްގެ ވަޒީފާ ވެސް އޭނާ އަދާކުރި އެވެ.

މަންމަގެ ސަޕޯޓު ހުރިހާ ކަމެއްގައި ވެސް ލިބޭ

އޭނާގެ މަސައްކަތުގައި ގޭތެރެއިން އެންމެ ބޮޑު އެހީތެރުކަމެއް ލިބެނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ރަށު ފެންވަރުގެ އިވެންޓްތަކާއި، ކައުންސިލުން ބާއްވާ ހަފްލާތަކަށާއި އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ބާއްވާއިރު އެތަންތަނަށް ގިނަ އަދަދަކަށް ހެދިކާ ފޯރުކޮށްދޭން ޖެހޭ ވަގުތުތަކުގައި އޭނާގެ މަންމަ އިސްދައުރެއް އަދާކޮށްދެ އެވެ.

"އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ސަތޭކަ ޕަސެންޓް އެހީތެރިކަން ދޭނެ. ދަރިންގެ ކަންކަމުގައި ވެސް އަދި ވިޔަފާރީގެ ކަންކަމުގައި ވެސް،" މަސައްކަތް ކުރަމުން އެޑްވާންސް ސެޓްފިކެޓް އިން ފައުންޑޭޝަން ސްޓަޑީޒް ކޯހެއް ވެސް ފުރިހަމަ ކޮށްފައިވާ ޝާހާ ކިޔައިދިނެވެ.

ޝާހާ އަދި އޭނާގެ ތިންކުދިން: އެކަނިވެރި މަޔަކަށް ވުމަކީ މާޔޫސްވާން ޖެހޭކަމެއް ނޫން، މަސައްކަތް ކުރީމަ ކާމިޔާބު ލިބޭނެ

ޝާހާ ދެކޭގޮތުގައި ކޮންމެ މީހެއްގެ ވެސް ހުނަރެއް ހުންނާނެ އެވެ. އެ ހުނަރު ދެނެގަނެ، ކުރިއަރުވަން މަސައްކަތް ކުރުމަށް ގާތް މީހުންގެ ސަޕޯޓްއަކީ ވަރަށް މުހިންމު ކަމެކެވެ. އެއާއެކު ބޭނުވަނީ ކުޑަހިތްވަރެކެވެ. އަދި ނުގުޑާ އަޒުމެކެވެ.

"ފަށައިގަތީމަ ވާނެ އަޅުގަނޑުވެސް މިހިރީ ދަތި އުނދަގުލާއި ކުރިމަތިލާފައި. ލައިފްގައި ވަރަށް އަޕްސް އެންޑް ޑައުންސް ކަޑައްތުކޮށް އަމާން އައްސޭރިއަކަށް މިއަދު އާދެވިފައި މިވަނީ އާއިލާއާއި ރައްޓެހިން ދިން ސަޕޯޓާއި ދިން ހިތްވަރުން އުފެދުނު އަޒުމެއްގެ ސަބަބުން،" މުސްތަގުބަލުގައި ބޭކަރީ ނުވަތަ ކުޑަކުޑަ ޖޯގޯ ޕޮއިންޓެއް ހުޅުވައިގެން އަމިއްލަ އުފެއްދުން ވިއްކަން ވެސް އުންމީދުކުރާ ޝާހާ ބުނެލި އެވެ.