ކޮފީއަށް ދަންހެއްޔެވެ؟ ނުވަތަ ގޭގައި ނަމަވެސް ތާޒާ ކޮފީ ތަށްޓަކަށް އިންސާފުކޮށްލުމުން ހިތަށް އަރާމާއި ހިތްހަމަޖެހުން ލިބޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަރަބިކާ ކޮފީގެ ނަން އޮންނާނީ އަޑު އަހާފަ އެވެ. އަރަބިކާއަކީ ކޮފީ ބީންސްގެ ރަސްގެފާނެވެ. ދުނިޔޭގެ ކޮފީ ބޯ މީހުންގެ ތެރެއިން 60 ޕަސެންޓަށް ވުރެ ގިނަ މީހުނަށް މަގުބޫލު ކޮފީއަކަށްވެފައި އޮންނަނީ އަރަބިކާ އެވެ. އަރަބިކާ އާ ވާދަކުރާ ކޮފީއަކީ ރޮބަސްޓާ އެވެ.

އަރަބިކާ އަކީ ކޮފީ އާއިލާގެ އެންމެ ދޮށީ މެމްބަރެވެ. އެންމެ ފުރަތަމަ މި ކޮފީ ގަސް ފާހަގަކުރެވިފައި ވަނީ މިހާރުގެ އިތިއޮޕިއާގެ ސަރަހައްދަކުންނެވެ. މީލާދުގެ 1000 އަހަރު ކުރިން ވެސް މި ކޮފީ ގަސް އެ ސަރަހައްދުން ފާހަގަ ކުރެވިފައިވެ އެވެ. ބުނެވޭ ގޮތުގައި އަރަބިކާ ކޮފީ ގަހުގެ އުމުރު މިލިއަނަކަށް ވުރެ މައްޗަށް ދާނެ އެވެ.

ގާތްގަނޑަކަށް މީލާދީން 850 ހާ ހިސާބުގައި އިތިއޮޕިއާގެ ފަރުބަދަމަތީ ސަރަހައްދެއްގައި ބަކަރި ހުއި ހައްޕަން އުޅުނު ކަލްދީ ކިޔާ މީހަކަށް ފާހަގަކުރެވުނުގޮތުގައި އެހިސާބުގައި ހެދިފައި ހުންނަ ބެރީގަހުގެ އޮށްތައް ކެއުމުން ބަކަރިތަކަށް އިތުރު ބާރެއް ލިބި ހަކަތަ އުފެދޭ ގޮތްވެ އެވެ. އެކަން ފާހަގަވުމުން، އެ ގަހުގެ އޮށްތައް ޗިސްކޮށްގެން ގުޅަތަކެއް ހެދި އެވެ. އެ ގުޅަތައް ކެއުމުން ހަށިގަނޑުގައި ހަކަތަ އިތުރުވާ ކަމަށްވެ އެވެ. މިޒަމާނުގެ ގޮތަށް ބުނާކަމަށްވާނަމަ ކަލްދީ އުފެއްދީ އެނާޖީ ގުޅައެކެވެ. ކަލްދީގެ އެނާޖީ ގުޅަތައް އިތިއޮޕިއާގައި މަޝްހޫރުކަމެއް ހޯދުމަށްފަހު އެ ގަހުގެ އޮށްތައް ރަތްކަނޑު ހުރަސްކޮށް ޔަމަނަށް ގެންދިޔަ އެވެ. ޔަމަނުން އަރަބި ކަރައަށް ފެތުރި، އަރަބި ބައްރުގައި ކޮފީ ހައްދައި ވިއްކަން ފެށި އެވެ. އަރަބިކާގެ ނަމުން އިތިއޮޕިއާގެ ކޮފީ މަޝްހޫރުވީ އެހިސާބުންނެވެ. އަރަބިކާ ކޮފީ ޔޫރަޕަށް ދިޔައީ ޔަމަނުން މިސްރަށް ގޮސް މިސްރުން ތުރުކީއަށް ދިއުމަށް ފަހު ތުރުކީ މަގުންނެވެ.

މިއަދުގެ ދުނިޔޭގައި އަރަބިކާއަށް ލިބިފައިވާ މަޝްހޫރުކަމަކީ ކޮފީގެ އެހެން ބާވަތްތަކާ ޚިލާފަށް އޭގައި ހުންނަ ތަފާތު މީރު ރަހައެއްގެ ސަބުން ލިބޭ މަޝްހޫރުކަމެކެވެ. ކޮފީގެ އެހެން ބާވަތްތަކުގައި ނުހުންނަ ފޮނިކަމަކާއި މޭވާގެ ރަހަ އަރަބިކާ ކޮފީގައި ހުންނަ ކަމަށްވެ އެވެ. ހަމަ އެފަދައިން އަރަބިކާގައި އެހެން ކޮފީތަކަށް ވުރެ ހުތްކަން މަޑުން ކަމަށް ބެލެވެ އެވެ. އަރަބިކާ ކޮފީއަށް ކެރަމަލް ނުވަތަ ކޮންމެވެސް މޭވާއެއްގެ ރަހަ އެއްކޮށްލުމުން އެ ގެންސެދޭ ހިތްގައިމު ރަހަ އެހެން އެއްވެސް ކޮފީއަކުން ދޭ ކަމަކަށް ނުވެ އެވެ.

އަރަބިކާ ކޮފީ ގަސް ރަނގަޅަށް ހެދުމަށް ވަކި ޚާއްސަ މާހައުލެއް ބޭނުންވެ އެވެ. ލެޓިން އެމެރިކާ އާއި އިރުމަތީ އެފްރިކާ އާއި އޭޝިއާގެ ވަކި ސަރަހައްދެއްގައި މިގަސް ރަނގަޅަށް ހެދެ އެވެ. މީގެ ގަހެއް ފުރިހަމައަށް ހެދެން ގާތްގަނޑަކަށް ހައެއްކަ އަހަރު ނަގަ އެވެ.

އަރަބިކާ ކޮފީ ގަހުގައި އަޅާ ކޮފީ ވަކި ބިންނަނީ އަހަރަކު އެއްފަހަރު އެވެ. ކޮލިޓީ ޔަގީންކުރުމަށްޓަކައި ކޮފީ ވަކި، ބިންނާނީ އަތުންނެވެ. ބޭނުމަކީ އެންމެ ރަނގަޅަށް ދޮންވެފައި ހުންނަ ވަކި ބިނުމެވެ. ކޮފީ ވަކިތައް ގަހުން ބިނުމަށްފަހު ދެން އޮންނާނީ އޭގެ ބޭރުގައި ހުންނަ މޭވާގެ ބައި އޮށާ ވަކިކުރުމުގެ މަރުހަލާ އެވެ. މިކަން ދެގޮތަކަށް ކުރެ އެވެ. އެއްގޮތަކީ އަވީލައި ހިއްކައިގެން ތޮށިތައް ނެއްޓުމެވެ. އަނެއްގޮތަކީ ރޮލާ ބަހައްޓާފައި ތޮށި ނޮޅުމެވެ. ތޮށި ނެއްޓުމަށްފަހު އަނެއްކާވެސް އަވީގައި ބަހައްޓަން ޖެހެ އެވެ. އެއީ ރަނގަޅަށް ހިކި އެއްވެސް ވަރަކަށް ތެތްކަމުގެ އަސަރު ނެތްކަން ކަށަވަރު ކުރުމަށެވެ. މިކަން މެޝިނުން ވެސް ކުރެ އެވެ. ރަނގަޅަށް ހިއްކުމަށްފަހު ކޮފީ އޮށުގެ ބޭރުގައި ހުންނަ ތުނި ފަށަލަ ވަކިން ނައްޓާ ސާފުކުރަން ޖެހެ އެވެ. އެއަށްފަހު ދެން އޮންނާނީ ސާފުކުރި ކޮފީ އޮށްތައް ރޯސްޓު ކުރުމެވެ. މިއީ ވަރަށް ގަދަ ޓެމްޕްރޭޗަރެއްގައި ކުރަން ޖެހޭކަމެކެވެ. ކޮފީ ރޯސްޓު ކުރަނީ ދެތިން މިންވަރަކަށެވެ. އެއީ ތަންކޮޅެއް ކުލަ މަޑުކޮށާއި ވަރަށް ކުލަ ގަދަކޮށް ބޮޑަށް ރޯސްޓުކުރުމާއި ދެމެދުގެ މިންވަރުތަކެކެވެ. ރޯސްޓުކުރާ މިންވަރަކުން ކޮފީގެ ރަހަޔަށް ބަދަލު އަންނާނެ އެވެ. ކުލަ މަޑުކޮށް ރޯސްޓުކޮށްފައި ހުންނަ ކޮފީ ހުތްވެފައި ފޮނި ވާނެ އެވެ. ގަދަޔަށް ރޯސްޓުކޮށްފައި ހުންނަ ކޮފީގައި ކޮފީ ރަހަ ގަދަވާނެ އެވެ.

ބޮވޭ ކޮފީއަކީ ކޮންކަހަލަ ކޮފީއެއް ކަމާމެދު ކުރިން ނުވިސްނާ ކަމުގައިވާނަމަ ދެން ފަހަރަކު ކޮފީ އަށްގޮސް އޯޑަރު ކުރުމުގެ ކުރިން އެތަނުން ލިބެން ހުރީ އަރަބިކާ ކޮފީތޯ ބަލާލާށެވެ. އަރަބިކާ ނަމަ ރޯސްޓްކޮށްފައި ހުރި މިންވަރެއް ވެސް ބަލާލާށެވެ. އެއަށްފަހު ގެންނަ ކޮފީތަށި ބޮމުންދާއިރު އެތަށި ތުންފަތާ ހަމަޔަށް އައުމުގައި ހިއްސާވިހާ މީހުންނާ އެމީހުން ކުރި މަސައްކަތާ މެދުވެސް ވިސްނާލާށެވެ.