އަނުޝްކާ ޝަރްމާއާއި ދީޕިކާ ޕަދުކޯންއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް ދެ ތަރިންނެވެ. މި ދެތަރިންގެ ދެމެދުގައި ރުޅިވެރިކަން އޮތް ވާހަކައަކީ ބޮލީވުޑްގެ ހަބަރުތަކުން އެއް ދުވަސްވަރެއްގައި ޖާގަ ހޯދި ވާހަކަ އެކެވެ.

އެ ރުޅިވެރިކަމުގެ ސަބަބެއްގެ ގޮތުގައި ބެލެވިފައި އޮތީ އަނުޝްކާގެ ކުރީގެ ލޯބިވެރިއެއް ކަމަށް ބުނެވޭ ރަންވީރު ސިންހްއާ ދީޕިކާ ލޯބީގެ ގޮތުން ގުޅުމެވެ.

އަނުޝްކާއާއި ރަންވީރު ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުއެރީ އެ ދެމީހުން އެކުގައި ފެނުނު ކާމިޔާބު ފިލްމު "ބޭންޑް ބާޖާ ބާރާތު" އަށްފަހު އެވެ. އެހެން ނަމަވެސް ދެ މީހުންކުރެ އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އޭގެ ފަހުން ރަންވީރު ދީޕިކާއާ ރައްޓެހިވެ ފަހުން ކައިވެންޏަކާ ހަމައަށް ދިއުމުން އަނުޝްކާ ރުޅިއައީ ކަމަށް މީޑިއާގައި ހަބަރުތައް ފެތުރުނެވެ.

އެހެން ނަމަވެސް އެ ހަބަރުތަކާ ބެހޭ ގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނީ އެ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށެވެ.

"އަހަރެން މި ދާއިރާގައި މި އުޅެނީ މަސައްކަތް ކުރަން. މީހުންނާ ދުޝްމަންވެ ރުޅިވެރިކަން އިތުރު ކުރާކަށް ނޫން،" އަނުޝްކާ ބުންޏެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ތަރިންގެ މެދުގައި ރުޅިވެރިކަން އޮންނަ ކަމަށް ބެލެވުުނު ނަމަވެސް އެއީ ކޮންމެ ފަހަރަކު ހަގީގަތަކަށް ނުވާ ކަމަށް އޭނާ ބުންޏެވެ.

އަނުޝްކާ މިހާރު އުޅެނީ އިންޑިއާގެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ކައިވެނި ކޮށްގެންނެވެ. އެ ދެމީހުންނަށް ދެ ކުދިން ލިބިފައިވެ އެވެ. ދީޕިކާ ވެސް ވަނީ މިފަހުން ރަންވީރާއެކު އޭނާގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.