މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން ފެނަކަ ބ. ދަރަވަންދޫ ބްރާންޗުން ފެން ދޫކުރާ ކަމަށް ބުނެ، އެރަށު ކައުންސިލުން ފެނަކަ އާ ދެކޮޅަށް ކޯޓަށް ހިނގައްޖެ އެވެ.

މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން ފެނަކަ ދަރަވަންދޫ ބްރާންޗުން ފެން ދޫކުރުމުންދާ ކަމަށް ބުނެ އެ ރަށު ކައުންސިލުން މިދިޔަ އޮގަސްޓް 29 ގައި ކޯޓުގައި އެދިފައިވަނީ ކޯޓު އަމުރަކުން އެކަން ހުއްޓުވައި ދިނުމަށެވެ.

ދަރަވަންދޫ ކައުންސިލުން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ ރަށު ކައުންސިލާއި ރަށު ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން ބެލި ބެލުމުން މި ވަގުތު ފެނަކައިން ދޫކުރަމުންދަނީ މުއްދަތު ހަމަވެފައިވާ ކްލޮރިން އެޅި ފެން ކަން ސާބިތުވާ ކަމަށެވެ. އެކަމަށް ފެނަކަ ބްރާންޗް ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ފަރާތުންވެސް އިއުތިރާފްވާ ކަމަށް މައްސަލައިގައި ކައުންސިލުން ބުނެފައިވެ އެވެ.

މި ދައުވާގެ ރައްދުގައި ފެނަކައިން ވަނީ ދައުވާ ހުށަހެޅުމާއި ގުޅޭ އިޖުރާއީ މައްސަލަތަކާއި ދައުވާ ފޯމާ ގުޅޭ އިޖުރާއީ މައްސަލަތަކާއި އަދި ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ހެކިތައް ހޯދާފައިވާ ގޮތާ ގުޅޭ ގޮތުން އިޖުރާއީ ގޮތުން ހުރި ކަންކަން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ފެނަކައިން ފާހަގަކުރި އިޖުރާއީ ކަންކަމަށް ރިއާޔަތްކޮށް ބުރާސްފަތި ދުވަހު ކޯޓުން ނިންމާފައިވަނީ ކައުންސިލުން އެދުނުގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށެވެ.