ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.

މިއަހަރުގެ ޑިމޮކްރަސީ ދުވަސް ހާއްސަކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހެޔޮވެރިކަމަކަށް ބާރުއެޅުމަށް ކުރެވޭނެ މަސައްކަތްތައް ފާހަގަ ކުރުމަށެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ޑިމޮކްރަސީ ދުވަހެވެ. ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ ހައްގުތަކާއި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ މުހިއްމުކަން ހާމަކުރުމަށެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމު ގާއިމުކުރީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެއްވުމާއެކު 2008 ވަނަ އަހަރުން ފެށިގެނެވެ. ނަަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެ ފާއިތުވި 17 ވަރަކަށް އަހަރުގެ ތެރޭގައި ތިން ވެރިކަމުގެ ދައުރު ފާއިތުވެނފައިވާއިރު، އަދިވެސް ފެންނަނީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީގެ އުސޫލުތަކާ ބީރައްޓެހި ސިފަތަކެއްކަން ފާހަގަކުރެވެ އެވެ.