ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން އެ ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރު ފާހަގަ ކުރުމުގެ ގޮތުން އޭނާއަށް ހާއްސަ ފިލްމު ފެސްޓިވަލްއެއް ބާއްވަން ނިންމައިފި އެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ފިލްމު ފެސްޓިވަލްގައި ކަރީނާގެ ދިގު ކެރިއަރުގައި އޭނާ ކުޅެދީފައިވާ ކާމިޔާބު ގިނަ ފިލްމުތަކެއް އަލުން ސިނަމާގައި އަޅުވާނެ އެވެ.
މިއާއެކު ކަރީނާ ވެފައިވަނީ އެފަދަ ފިލްމު ފެސްޓިވަލެއް އެ ތަރިއަކަށް ހާއްސަ ކުރެވުނު ބޮލީވުޑްގެ ފުރަތަމަ އަންހެން ތަރިއަށެވެ. މީގެ ކުރިން ފިލްމު ފެސްޓިވަލްތައް ބޭއްވި ތަރިންގެ ތެރޭގައި ދިލިިޕް ކުމާރު އާއި އަމީތާބް ބައްޗަން ހިމެނެ އެވެ.
މި ފިލްމު ފެސްޓިވަލްއަކީ ބޮލީވުޑަށް ކަރީނާ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިންތިޒާމު ކުރެވޭ ފެސްޓިވަލެއް ކަމަށް ހަބަރުތައް ބުނެ އެވެ.
1999 ވަނަ އަހަރު ފިލްމު "ރެފިއުޖީ"އިން ބޮލީވުޑަށް ތައާރަފްވި ކަރީނާ ވަނީ ފާއިހުވި 25 އަހަރު ތެރޭގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އެގޮތުން "ކަބީ ހުޝީ ކަބީ ގަމް"، "ޖަބް ވީ މެޓް" އަދި "ތުރީ އިޑިއަޓްސް" ފާހަގަ ކުރެވެ އެވެ.
ކާމިޔާބު އެކްޓިން ކެރިއަރަކަށްފަހު ކަރީނާ މިހާރު ވަނީ ޕްރޮޑަކްޝަންއަށް މިސްރާބު ޖަހާފަ އެވެ. އެގޮތުން އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ބަކިންހަމް މާޑާސް" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ.