ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ދާތަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއަދު ރާއްޖެ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ދާތަން ފެނުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައި ކަމަށާއި ދިވެހިރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާއެކު ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ޑިމޮކްރަސީ ދުވަހެވެ. ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ ހައްގުތަކާއި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ މުހިއްމުކަން ހާމަކުރުމަށެވެ.