ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިގޮތަށް ފާސްކޮށްފައި ވަނީ އައްބާސްއާ އިންޓަވިއު ކުރުމަށް ފަހު އެވެ. އެގޮތުން އިންޓަވިއުއަށް ފަހު މެންބަރުން 93.91 އިންސައްތަ މާކްސް ދެއްވާފައިވާއިރު އައްބާސް އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޢައްޔަންކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް ރުހުން ދިނުމުގެ ގޮތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ދައުރުން ބޭރުން މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
އައްބާސް ޝަރީފު މިހާރު ހުންނެވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގަ އެވެ. އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް މުއިއްޒު އައްޔަންކުރެއްވި ސިޔާސީ މަގާމެކެވެ. އައްބާސް ވަނީ 2011 އިން 2015 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ. އޭނާ އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ދުވަހުގެ ރޭ ފާސްކުރުމުންނެވެ. މަޖިލީސްގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު ޝަމީމް ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުއްވިކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ރައީސް އޮފީހުން ވަނީ މަޖިލީހަށް މައުލޫމާތު ދީފަ އެވެ.