ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ސްކުއިޑް ގޭމް"އަކީ ބޮލީވުޑް ފިލްމެއް ކަމަށްވާ "ލަކް"ގެ ކޮޕީއެއް ކަމަށް ބުނެ އެ ފިލްމުގެ ޕްރޮޑިއުސަރު ސޯހަމް ޝާހް ނެޓްފްލިކްސްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސޯހަމް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އެ ދެ އުފެއްދުމުގެ މެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ވާ ކަމަށާއި އެއީ ހަމައެކަނި އިއްތިފާގެއް ނޫން ކަމަށެވެ.

އެގޮތުން "ސްކުއިޑް ގޭމްސް"ގެ ކެރެކްޓަރުންތަކާއި، ވާހަކައާއި މަންޒަރުތަކުގައި ވެސް "ލަކް"އާ އެއްގޮތް ކަންތައްތަކެއް ވާކަން ސޯހަމް ފާހަގަ ކުރި އެވެ.

ސްކުއިޑް ގޭމްސްއަކީ މާލީ ދަތިތަކެއް ކުރިމަތިވެފައިވާ މީހުންތަކެއް ނުރައްކާތެރި ސަވައިވަލް ގޭމެއްގައި ބައިވެރިވެގެން ކުރިމަތިވާ ކަންތައްތަކެއް ފެންނަ ޝޯ އެކެވެ.

އިމްރާން ޚާންއާއި ޝްރޫތީ ހާސަން ލީޑު ރޯލުން ފެނިގެންދާ 2009 ވަނަ އަހަރުގެ ފިލްމު "ލަކް"އަކީ ވެސް މިފަދަ ވާހަކައަކަށް ބިނާކޮށްފައިވާ ސަވައިވަލް ގޭމް އެކެވެ.

މި މައްސަލައާ ބެހޭ ގޮތުން ނެޓްފްލިކްސް އިން ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ ސޯހަމްގެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.