ބީއެމްއެލްއަށް ސަރުކާރުގެ ނުފޫޒު ފޯރުވޭގޮތަށް، ޗެއާމަންކަމުގެ މާގަމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ހަބީބު ހަމަޖައްސަން ސަރުކާރުން ހުށަހަޅައިފި އެވެ.

ސަރުކާރުން އެދިގެން އަންނަ ހޮނިހިރު ދުވަހު ބީއެމްއެލްއިން ބާއްވާ ހިއްސާދާރުންގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ އެޖެންޑާއަށް ބީއެމްއެލްއިން މިއަދު ވަނީ ބަދަލު ގެނެސް އިއުލާންކޮށްފަ އެވެ.

މީގެ ކުރިން ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހަމަޖައްސަން ހުށަހެޅި ދެ ބޭފުޅުންގެ އިތުރަށް އިތުރު ނަމެއް ވަނީ ސަރުކާރުން ފޮނުވާފަ އެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ޖަލްސާއަށް ސަރުކާރުން ޖުމްލަ ތިން ބޭފުޅަކު ހަމަޖެއްސުމަށް ވަނީ ހުށަހަޅާފަ އެވެ.

ސަރުކާރުން އަލަށް ހުށަހެޅީ ކެބިނެޓް ސެކްރެޓަރީގެ ގޮތުގައި މިނިސްޓަރުން ފެންވަރުގައި ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުންނެވި އަހުމަދު އަލީ ހަބީބު، ނޫވިލާގެ/އައްޑޫ ހިތަދޫ އެވެ.

އެނގިފައިވާ ގޮތުގައި، އޭނާގެ ނަން ސަރުކާރުން ހުށަހަޅާފައި ވަނީ ބީއެމްއެލްގެ ޗެއާމަންގެ ގޮތުގައި ހަމަޖެއްސުމަށެވެ. އެކަން ކަނޑައަޅާނީ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގަ އެވެ.

އެމްއެމްއޭ އިން މިފަހުން ގަވައިދަށް ގެނައި ބަދަލާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ބޭންކުތައް ފަދަ މާލީ އިދާރާތަކުގެ މަގާމުތައް އަދާކުރެވޭނެ އެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ނިމިދިޔަ އޮގަސްޓް މަހު ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމާ އިއުލާންކުރުމާއެކު ސަރުކާރުން ޕްރެޝަރުކޮށް ހަމަ އެދުވަހު ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ.

އެ ނިންމުމާއެކު ބީއެމްއެލްއާއި އިދިކޮޅު ފަރާތްތައް ގުޅިގެން މާލީ ބަގާވާތެއް ގެންނަން އުޅުނުކަމަށް ސަރުކާރުން ތުހުމަތުކޮށް، ފުލުހުން އެކަމާއި ގުޅޭ ތަހުގީގެއް ފަށާފައިވަނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.