މިދިޔަ އަހަރު މުޅި ދުނިޔެ ސިއްސުވާލި އެއް ހަބަރަކީ ފަސް މީހުންނާ އެކު, ޓައިޓޭނިކް ކަނޑުވި ސަރަހައްދަށް ފީނި އުޅަނދެއް ކަމަށްވާ "ޓައިޓަން" ފަނާވި ހަބަރެވެ.

އެ ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު އެ ހާދިސާއާ ގުޅޭ އާ މައުލޫމާތުތައް ދޭތެރެ ދޭތެރެއިން މީޑިއާއަށް ހާމަވެ އެވެ.

އެގޮތުން އެންމެ ފަހުން މީޑިއާއަށް ތިލަވެފައި މިވަނީ ޓައިޓަން "ގޮވުމުގެ" ކުރިން އެ އުޅަނދުން ލިބުނު އެންމެ ފަހު މެސެޖެވެ. ހަބަރުތައް ބުނާ ގޮތުގައި ކްރޫއިންގެ ފަރާތުން އެ އުޅަނދާ ހަވާލުވެ އޮތް ބޯޓުގެ އޮފިޝަލުންނަށް ލިބުނު މެސެޖަކީ "ހުރިހާ ކަމެއް ރަނގަޅު" ކަމަށް ބުނެ ފޮނުވި މެސެޖެކެވެ.

ޓައިޓަން ކަނޑުގެ އަޑިއަށް ފީނަމުން ދިޔަ ވަރަކަށް ޕޯލާ ޕްރިންސް ނަމަކަށް ކިޔާ އެ ބޯޓާ އޮތް ގުޅުން ކެނޑެމުން ދިޔަ ކަމަށާއި ކްރޫއިންގެ ފަރާތުން ލިބުނު އެންމެ ފަހު މެސެޖަކީ ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނެ ފޮނުވި މެސެޖެއް ކަމަށް ޕޯލާ ޕްރިންސްގެ އޮފިޝަލުން ބުނެ އެވެ.

އެ މެސެޖު ފޮނުވިތާ މާ ގިނައިރެއްނުވެ އުޅަނދު ގޮވި ކަމަށް ބެލެވޭއިރު އެ ގޮވުމުގައި އުޅަނދުގެ ހުރިހާ ކްރޫއިން ވަނީ މަރުވެފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 18 ވަނަ ދުވަހު ޓައިޓަންގެ ދަތުރު ފެށީ ޓައިޓަންގެ ބެލެނިވެރި ކުންފުނި އޯޝަން ގޭޓްގެ ސީއީއޯގެ އިތުރުން އިނގިރޭސި ދަތުރުވެރިޔަކާއި ފްރާންސްގެ ޑައިވަރެއްގެ އިތުރުން ޕާކިސްތާނު ނަސްލުގެ އިނގިރޭސި ވިޔަފާރިވެރިޔަކާއި އޭނާގެ ދަރިފުޅާ އެކުގަ އެވެ.

ޓައިޓަންއަށް ކުރިމަތިވި ބަދުނަސީބާއެކު އޯޝަން ގޭޓަށް ފިއްތުއްތައް ބޮޑުވެ އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ މައްސަލަތަކެއް ވެސް ވަނީ ހުށަހެޅިފަ އެވެ.