މާލޭގެ ގޯތިން ލިބިފައިވާ ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ބިން ދޫކުރާ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭގޮތުން "ރައްވެހި ފަތިސް" ކެމްޕެއިންގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލެއިން ލިބިފައިވާ ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދިނުމަށް މަޝްރޫއެއް ފައްޓަވަނއ ނިންމަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިމަޝްރޫއާ ބެހޭ އިތުރު ތަފްސީލް ހިއްސާ ކުރައްވާފައެއް ނުވެ އެވެ. އަދި މިއަހަރުގެ މެދުތެރޭގައި މިމަޝްރޫއާ ބެހޭ ތަފްސީލް ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން މީގެ އަހަރުތަކެއް ކުރިންވެސް މަފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އެވެ.

"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މާލެއިން ލިބިފައިވާ ގޯތި ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ލިބޭގޮތަށް ހަމަޖައްސައި 200 އަށްވުރެ ގިނަ މީހުންނަށް ގޯތި ދިނެވެ. އެ ގޯތި ދިނީ މާލެއިން ބިންކޮޅާއި އަދި ގޯތީގެ އަގު ހަމަކުރަން ފައިސާ ވެސް ދައްކަން ޖެހޭ ގޮތަށެވެ. ނަމަވެސް އެ ފައިސާ ވެސް މައާފްކޮށްދިނެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވާ 17،000 އާއިލާ މާލޭގައި އެބަތިބި ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އޭގެ ތެރެއިން 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 1،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތްކުރުމަށް އިންޑިއާގެ އެމްބީސީސީއާއުކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި މިއަދު އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތުގެ އެގްރީމެންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމްލަ 15،000 ހައުސިން ޔުނިޓް ގާއިމްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ތެރޭގައި ހަވާލުކުރެވޭވަރުވާނެ ކަމަށް ރޭ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވި އެވެ.