ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯޓްއަށް ލިބޭ ނާކާމިޔާބީތަކުގައި އުފާ ފާޅުކުރާ ބޮލީވުޑްގެ ޝަހްސިއްޔަތުން އުޅޭ ކަމަށް އޭނާ ބުނެފި އެވެ.

ކަންގަނާ އަމިއްލައަށް ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކޮށްގެން ނެރެން ހަމަޖެހިފައިވާ ފިލްމު "އެމަޖެންސީ" ރިލީޒް ކުރުން ފަސްވުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ އެކަމާ އަޅާލާ މީހަކު ބޮލީވުޑްގައި ނޫޅޭ ކަމަށެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތް ދައްކުވައިދޭ "އެމަޖެންސީ" ރިލީޒް ކުރުން ލަސްވަމުން އަންނަނީ އިންޑިއާގެ "ސިކް" ދީނުގެ ބައެއް ކަންކަން ފިލްމުގައި ދައްކުވައިދީފައިވާ ގޮތުގެ ސަބަބުން ސެންސަ ބޯޑުގެ ސެޓްފިކެޓް ނުލިބިގެންނެވެ.

ކަންގަނާ ވަނީ "އުޑްތާ ޕަންޖާބު" އަދި "ޕަދުމާވަތު"އަށް ހަމަ އެ ގޮންޖެހުންތައް ކުރިމަތިވުމުން ބޮލީވުޑްގެ ފުރިހަމަ ސަޕޯޓް އެ ފިލްމުތަކަށް ލިބުނުކަން ފާހަގަކޮށްފަ އެވެ.

"މިކަހަލަ ކަންކަން ކުރީގައި ވެސް ދިމާވެފައި އެބަހުރި، އެ ފިލްމުތައް ރިލީޒް ކުރަނީ ސަރުކާރުގެ ނޫފޫޒާއެކު. އަހަރެންގެ ފިލްމަށް އެ އެހީތެރިކަން ދޭނެ މީހަކު ނެތް" ކަންގަނާ ބުންޏެވެ.

ބޮލީވުޑްގައި އެއްބައިވަންތަކަމުގެ ރޫހެއް މިވަގުތު ފެންނަން ނެތް ކަމަށާއި ކޮންމެ މީހަކު ވެސް އުޅެނީ އެމީހެއްގެ އަމިއްލަ އެދުންތަކައިގެން ކަމަށް ވެސް ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާއަކީ އާއްމުކޮށް ވެސް ބޮލީވުޑްގެ އެހެން ތަރިންނާއި އެނޫންވެސް ފަރާތްތަކާއެކު މާ ރަނގަޅު ގުޅުމެއް އޮންނަ ތަރިއެއް ނޫނެވެ. ދޭތެރެ ދޭތެރެއިން އޭނާގެ މައްސަލަތައް ބޮލީވުޑްގައި ފެންމަތިވެ އެވެ.