މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ އިންސްޕެކްޝަނެއް ހިންގައިފި އެވެ.

އެގޮތުން ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ހަތް އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

މިފަދަ ބިދޭސީންނަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް ވަނީ ނޯޓިސްދީފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފައިވެ އެވެ. މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޓީމުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް ވަނީ 3000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފަ އެވެ. ފާއިތުވި ހަފްތާގައި އެ އިދާރާއިން ވަނީ މާލެ ގައި ބިދޭސީން ދިރިއުޅޭ ތަންތަން ބަލާފާސްކޮށްފަ އެވެ.