އެޕަލްއިން އެންމެ ފަހުން ރިލީޒްކުރި އައިފޯން 16 ސީރީޒްގެ ފޯނުތައް އުރީދޫ މެދުވެރިކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިރޭ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އުރީދޫ އިން ބުނެފި އެވެ.

ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 12 ޖަހާއިރު އެވެ. އެކަމަށް ހާއްސަކޮށް އުރީދޫގެ ވެބްސައިޓުގައި ވަނީ ކައުންޓްޑައުން އެއްވެސް ފަށައިފަ އެވެ. އަދި ޕްރީ އޯޑަރު ނަގަން ފެށުމުން އެ ކުންފުނިން އައިފޯނަށް ހާއްސަކޮށް ހުރި އޮފާތަކުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

މިފަހަރު އައިފޯން 16 ގައި ހުރި، ގިނަބައެއްގެ ޝައުގުވެރިކަން ދަމައިގަތް އެއް ފީޗާއަކީ "އެކްޝަން ބަޓަން" އެވެ. އެކްޝަން ބަޓަން އައިފޯން 16ގެ ހުރިހާ މޮޑެލްތަކެއްގައިވެސް ހުރެ އެވެ. މި ބަޓަން ފަރުމާކޮށްފައިވަނީ ކެމެރާ ކޮންޓްރޯލް ފީޗާއަކާ އެކު، ކެމެރާ ހަމައެކަނި ސްލައިޑިން އިޝާރާތަކުން ކޮންޓްރޯލް ކުރެވޭނެ ގޮތަށެވެ.

އައިފޯން 16 ޕްރޯ ގައި ކަޅު، ހުދު، ރިހި އަދި ޑެޒާޓް ކުލަ ލިބެން ހުރެ އެވެ. އެޕަލްއިން ބުނީ މިއީ އައިފޯންގެ ބެޓެރީ ލައިފް އެންމެ ރަނގަޅު ފޯނަށް ވާނެކަމަށެވެ. މިއީ ސެކަންޑް ޖެނެރޭޝަން 3 ނެނޯ މީޓަރު ޓްރާންސިސްޓާ ބޭނުންކޮށްގެން ހަދާފައިވާ އޭ18 ޕްރޯ އިން އުފައްދާފައިވާ ފޯނެކެވެ.