ފުރާވަރުގައި ބޮލުން އިސްތަށި ފޭބުމަކީ އަހަރުމެންގެ ތެރެއިން ގިނަ ޒުވާނުންނަށް މިހާރު ކުރިމަތިވަމުން އަންނަ މައްސަލަ އެކެވެ. އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއްވެ އެވެ.

ސްޓްރެސް

ސްޓްރެސް ނުވަތަ ހާސްކަމަކީ ބޮޑުވަމުން އަންނަ ޒުވާން ޖީލުގެ ކުދިންގެ މެދުގައި އާއްމު ކަމެކެވެ. ކިޔެވުމާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ހާސްވެ ކަންބޮޑުވުން އިތުރުވާނަމަ އިސްތަށި ފޭބުން އިތުރުވާނެ އެވެ.

ޓެކްނޮލޮޖީ

ޓެކްނޮލޮޖީގެ ގިނަ ވަސީލަތްތަކަކީ އެތަކެތިން ސިއްހަތަށާއި ހަންގަނޑަށް ގެއްލުންހުރި މާއްދާތަކެއް ބޭރުކުރާ ތަކެއްޗެވެ. ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިން ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުން ކުރާނަމަ ޅަ އުމުރުގައި އިސްތަށި ފައިބަ އެވެ.

ކެއިން ބުއިން

ރެސްޓޯރެންޓުތަކުންނާއި ކެފޭތަކުން ޓޭކްއަވޭ ކެއުންތައް ކެއުމަކީ މިއަދުގެ ޒުވާނުންގެ ކަށީގައި ހިފާފައިވާ އާދަ އެކެވެ. މިފަދަ ކެއުންތަކަކީ އާއްމުކޮށް ގިނަ އަދަދަކަށް ތެޔޮ އަޅައިގެން ތައްޔާރުކުރާ ކެއުންތަކަށްވާއިރު މިއީ އިސްތަށިގަނޑަށް ގެއްލުންހުރި ކަމެކެވެ.

ބޭނުންކުރެވޭ އުފެއްދުންތައް

އިސްތަށިގަނޑު ބެލެހެއްޓުމުގައި ބޭނުންކުރެވޭ ބައެއް އުފެއްދުންތަކުގެ ސަބަބުން ވެސް އިސްތަށި ފައިބަން މެދުވެރިވެ އެވެ. އެހެން ކަމުން ބޭނުންކުރާ ޝޭމްޕޫ، ކޮންޑިޝަނާ އަދި ތެލަކީ ތިމާގެ އިސްތަށިގަނޑާ ގުޅޭ އުފެއްދުމެއްތޯ ބެލުން މުހިއްމެވެ.