ގަހުގެ ފައިދާ ވަރަށް ގިނަ. ވައި ސާފުކޮށްދިނުމަކީ ގަހުންކޮށްދޭ ވަރަށް މުހިންމު މަސައްކަތެއް. ގޭތެރޭގައި ހެއްދޭ ގަސްތަކަކީ ވައި ސާފުކޮށްދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ލިއްބައިދޭ އެއްޗެއް. ހޯދުންތަކުން ދައްކާ ގޮތުގައި ގޭތެރޭގައި ފެހިގަސް ހުރުމަކީ ސްޓްރެސް ފިލުވައިދޭ ކަމެއް.

ގަހުން ގިނަގުނަ ފައިދާ ލިބޭކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. ކަނާ އާއި ހިޔާގެ އިތުރުން ގަހަކީ ނަފްސާނީ ބަލިތަކަށް އޮތް ހައްލެކެވެ. ގޭތެރޭގެ މާހައުލުގައި ބޭނުންކުރާ ތަކެތީގެ ސަބަބުން ވައިގެތެރެއަށް ދޫވެ ގިނަވެފައިވާ ވިހަ މާއްދާތައް ނައްތާލުމަށް ގަސް އެހީތެރިވެދެ އެވެ. މާބޮޑު ސަމާލުކަމެއް ދޭން ނުޖެހޭ ރަނގަޅު ގަސް ޚިޔާރުކޮށްގެން ވަރަށް ފަސޭހައިން ގޭތެރޭގެ ވައި ސާފުކޮށްލެވޭނެ އެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި ގޭތެރޭގައި ފެހިގަސް ހުރުމަކީ ސްޓްރެސް ފިލުވައިދޭ ކަމެކެވެ. ތިރީގައި ވައި ސާފުކޮށްދިނުމުގެ ގޮތުން ވިހަ ގޭސް މަދުކޮށް މި ހިމަނާލަނީ ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި ގޭތެރޭގައި ކޮންމެހެން ވެސް ބަހައްޓަން މުހިން 5 އިންޑޯ ގަހެވެ.

ޒީޒީ ގަސް

ޒީޒީ ގަހަކީ އެ ގަސް ހައްދަން މާބޮޑު މަސައްކަތެއް ކުރަން ނުޖެހޭ ފެހި ކުލަ އަދި އޮފުކަން ގަދަ ފަތްތަކެއް ހުންނަ ގަހެކެވެ. އެއްވެސް ވަރަކަކަށް އަޅާނުލި ނަމަވެސް ޒީޒީ ގަސް ހުންނާނީ ރީތި އަދި ހިތްގައިމުކޮށެވެ. އަލިމަޑު ތަންތާނގައި ހައްދަން ފަސޭހަ މިގަހަށް ފެން ދޭން ޖެހެނީ ހަފްތާއަކު ދޭއް ނުވަތަ ތިން ފަހަރެވެ. ވައި ސާފުކުރުމަށް ޒީޒީ ގަސް ވަރަށް ބޮޑުބައެއް ކުޅެ އެވެ. އޭގެ ސަބަބުން ގޭތެރޭގެ ވައިގައި ހުންނަ އޮކްސިޖަންގެ މިންވަރު އިތުރުވެ، ވިހަ މާއްދާ ހުރުމުގެ ސަބަބުން ދިމާވާ އެލާޖިކްވުމުގެ އުނދަގޫތަކާއި ބޮލުގައި ރިހުމާއި، ނޭވާލުމުގެ އުނދަގޫތަކުން ވަރަށް ބޮޑަށް ރައްކާތެރިވެ އެވެ.

ސްނޭކް ގަސް

ދެ ހަފުތާ ނޫނީ ތިން ހަފުތާއިން އެއްފަހަރު ފެން ދޭންޖެހޭ، ކޮޅަށް ހުންނަ ރީތި ފަތްތަކެއް ހުންނަ ސްނޭކް ގަހަކީ ބުނެވޭގޮތުގައި މަރާލަން ވެސް އުނދަގޫ ގަހެކެވެ. ވަރަށް މަދުން ނޫނީ އަލި ބޭނުންނުވާ ސްނޭކް ގަހުގެ ޚާއްސަ ކަމަކީ އެހެން ގަސްގަހާ ޚިލާފަށް ރޭގަނޑުގައި ވެސް އޮކްސިޖަން އުފައްދާ ވައިސާފު ކުރާކަމެވެ. އޭގެ ސަބަބުން ކޮޓަރީގައި ވެސް ބެހެއްޓުމަށް މިގަސް ކަމުދެ އެވެ. ނިދާ ކޮޓަރީގައި ބަހައްޓާ ސްނޭކް ގަހުގެ ސަބަބުން ނޭވާލާ ނިޒާމަށް ފައިދާތަކެއް ލިބެ އެވެ. ހޯދުންތަކުން ހާމަވާގޮތުގައި ވައި ސާފުވުމަކީ ނިދަން ފަސޭހަވާ ކަމެކެވެ. އަދި ދުޅަހުޔޮކޮށްދޭ ވެސް ކަމެކެވެ.

ސްޕައިޑާ ގަސް

ސްޕައިޑާ ގަހަކީ ވެސް މާބޮޑަށް އަޅާލަން ނުޖެހޭ ނަމަވެސް އަވަހަށް ހެދޭ ތިރިއަށް ފައިބާފައި ހުންނަ ގަހެކެވެ. މިގަހަށް މެދު މިންވަރަކަށް އަވި ބޭނުންވެ އެވެ. ފެން ދޭންޖެހެނީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރެވެ. ވައިގެ ތެރޭގައިވާ ކާބަން މޮނޮކްސައިޑް މަދުކޮށްދިނުމަށާއި އެގަސް ހުންނަ ތަނެއްގެ ވަށައިގެންވާ ވައިގެ ތެތްފިނިކަން އިތުރުކުރުމަށް މިގަސް އެހީވެ އެވެ. ވައިގެ ތެތްފިނިކަން އިތުރުވުމުން ގައިގެ ހަންގަނޑާއި ލޯ ހިކުމުންނާއި، ނޭވާލާ ނިޒާމަށް ދިމާވާ އުނގަދޫތަކުން ސަލާމަތްވެ އެވެ.

ޕީސް ލިލީ

ފެހިކުލަ ގަދަ ރިތީ ފަތްތަކަކާއި ހުދު މަލެއް އަޅާ ޕީސް ލިލީއަކީ ގޭތެރޭގެ މާހައުލުގައި ހުންނަ ވައި ނުސާފުކަން ފިލުވާލަން ވަރަށް ރަނގަޅު ގަހެކެވެ. ގޭތެރޭގައި ޖަހާ ފަންގަސްގެ ސަބަބުން ވައިގެތެރެއަށް ދޫކުރާ މާއްދާތަކަކީ ނޭވާލާ ނިޒާމަށް ނުރައްކާތެރި ކުނި ބުންޏެވެ، ހަމަލޮލަށް ނުފެންނަ މި އެތިކޮޅުތަކުގެ ސަބަބުން ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. ހައްދަން ފަސޭހަ، އަލިމަޑު ތަންތާނގައި ރީތިކޮށް ހެދޭ މިގަހަށް ފެންދޭން ޖެހެނީ ހަފްތާއަކު އެއްފަހަރެވެ.

ޕޮތޯސް ނުވަތަ މަނީޕްލާންޓް

ރާއްޖޭގައި އެންމެ އާންމު ނަމުން ނަމަ މަނީ ޕްލާންޓް ނުވަތަ ޕޮތޯސްއަކީ ވެލެއް ގޮތަށް ހެދޭ ގަހެކެވެ. މަނީޕްލަންޓަކީ ވެސް ގޭތެރޭގައިވާ ނުސާފު ވައި ސާފުކޮށްދިނުމަށް އެހިވެދޭތީ ގޭތެރޭގައި ހައްދަން ވަރަށް ރަނގަޅު ގަހެކެވެ. މާބޮޑަށް އަޅާލަން ނުޖެހޭ މި ގަހަށް ހަފްތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ފެންފޮދެއް އަޅާލުމުން ވެސް ގަސްހެދުމަށް ބޭނުންވާ ވަރަށް ފެން އެ ލިބުނީ އެވެ.