ޑިސްކް ހާނިއޭޝަންގައި ދެބަދަ ދޭތެރޭގައިވާ ޑިސްކް ބޭރަށް ޖެހި ނާރުތަކަށް ޕްރެޝާ ކުރުމެވެ. އޭގެ ސަބަބުން ޑިސްކުތަށް އިރައިގެން ދިއުމާއި ފަޅައިގެން ދިއުމަށް މެދުވެރިވެ އެވެ. އުނަގަނޑުގައި ރިއްސާނަމަ ބަނޑުގެ މަސްތަކާއި ބުރަކަށީގެ މަސްތަށް ވަރުގަދަކުރުމަށް ޚާއްސަ ކަސްރަތު ކުރާށެވެ. ތަކެތި އުފުލުމުގައި އުނގަނޑަށް ގެއްލުން ނުވާނޭ ގޮތަށް އެއްޗެހިއުފުލުމަކީ ކޮންމެ މީހަކުވެސް ސަމާލުކަން ދޭންވާނެ ކަމެކެވެ.

ސީދާ އަދަދު ދެނެގަނެވިފައި ނުވި ނަމަވެސް އުނަގަނޑުގައި ރިއްސުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އުނގަނޑުގައި ރިއްސާނަމަ ގުދުވެ އެއްޗެތި އުފުލުމަކީ އަނިޔާވެފައިވާ ދިމާލަށް އިތުރު ގެއްލުންވުމަށް މެދުވެރިކުރުވާނެ ކަމެކެވެ. އެއީ ގުދުވެ އެއްޗެތި އުފުލުމުގެ ސަބަބުން ތިން ހަރަކާތެއް އެއްފަހަރާ ކުރެވޭތީ އެވެ.

އެމެރިކާގެ ނިއުރޮލޮޖިކަލް ސާޖަންސް އެސޯސިއޭޝަނުން ބުނިގޮތުގައި އުނގަނޑުގައި ރިއްސާ މީހުން ގުދުވެ އެއްޗެހި އުފުލާނަމަ މައިބަދައަށް އިތުރު ގެއްލުން ލިބުމުގެ ޗާންސް ވަރަށް ބޮޑެވެ. ކުރިމަތިވާ ގެއްލުމަށް އެބޭފުޅުން ދީފައިވާ ނަމަކީ "ޑިސްކް ހާނިއޭޝަން" އެވެ.

ޑިސްކް ހާނިއޭޝަންގައި ވާގޮތަކީ ދެބަދަދޭތެރޭގައިވާ ޑިސްކް ބޭރަށް ޖެހި ނާރުތަކަށް ޕްރެޝާކުރުމެވެ. އޭގެ ސަބަބުން ޑިސްކުތައް އިރައިގެން ދިއުމާއި ފަޅައިގެން ދިއުމަށް މެދުވެރިވެ އެވެ.

އެ އެސޯސިއޭޝަންގެ ޑޮކްޓަރު ޑރ، ޖެންކިންސް ވިދާޅުވިގޮތުގައި އުނަގަނޑުގައި ރިއްސާ މީހުންގެ ޑިސްކް ހާނިއޭޝަން ނެތް ނަމަވެސް މައިބަދައިގެ ޑިސްކަށް ގެއްލުން ލިބިފައި ހުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެފަދަ މީހަކު ގުދުވެ، އެއްޗެތި އުފުލާ ހެދުމަކީ އޭނާގެ މައިބަދައިގެ މައްސަލަ އިތުރަށް ގޯސްވާން މެދުވެރިވެދާނެ ކަމެކެވެ.

އޭނާ ވިދާޅުވާގޮތުގައި އުނަގަނޑުގައި ރިއްސާ މީހާއަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ އެއްފަހަރާ ކުރާ 3 ހަރަކާތުންނެވެ. އެއީ ގުދުވުމާއި ހަށިގަނޑަށް ޓުވިސްޓެއް ގެނެވުމާއެކު އެއްޗެއް އުފުލުމެވެ.

އުނަގަނޑުގައި ރިއްސާނަމަ ބަނޑުގެ މަސްތަކާއި ބުރަކަށީގެ މަސްތައް ވަރުގަދަކުރުމަށް ޚާއްސަ ކަސްރަތުކުރުމަށް ޑޮކްޓަރުން ލަފާދެ އެވެ. ތަކެތި އުފުލުމުގައި އުނގަނޑަށް ގެއްލުން ނުވާނެ ގޮތަށް އެއްޗެތި އުފުލުމަކީ ކޮންމެ މީހަކު ވެސް ސަމާލުކަން ދޭންވާނެ ކަމެކެވެ.

ސިއްހީ މާހިރުން ލަފާދެއްވަނީ އެއްޗެހި އުފުލާނަމަ ހަށިގަނޑާ ވީހާވެސް ކައިރިކޮށްގެން އުފުލުމާއި ފައިގެ މަސްތަކުގެ ބާރުގެ ބޭނުންކުރުމަށެވެ.