ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަންކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އަހްމަދު އަލީ ހަބީބު އައްޔަންކޮށް ބޭންކްގެ ބޯޑް އެކުލަވާލައިފި އެވެ.

މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ތިން ބޭފުޅަކު ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައެވެ.

ޖަލްސާއަށްފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި ވަނީ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އަހްމަދު އަލީ ހަބީބު ޗެއާޕާސަންއަކަށް އައްޔަންކޮށްފަ އެވެ.

މިސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. އަހުމަދު އަލީ ހަބީބު، ސ. ހިތަދޫ، ނޫވިލާގެ
  2. އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04،
  3. އާދިލް މޫސާ ބ. އޭދަފުށި، ފެންއާރު
  4. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން
  5. އަލީ އިރުފާން، ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ،
  6. މުހައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90

މީގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ 3 ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ:

  1. އަބްދު ﷲ ނަސީމް، ހއ. ފިއްލަދޫ، ކަރަންކާ ވިލާ
  2. މޫސާ ރަޝީދު، މ. ގަސީމް
  3. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ ދާޝީން

މިއަދު އާ ބޯޑު އެކުލަވާލާފައި ވާއިރު، އިއްޔެގެ ވަގުތެއްގައި އެ ބޭންކްގެ ބޯޑު މެންބަރު އާއިޝަތު ސަޖުނީ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ކުރިން ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވަނީ 27 އޮގަސްޓްގައި އިސްތިއުފާ ދެއްވާފަ އެވެ.

ބީއެމްއެލްގެ ކާޑުތަކުގެ ޑޮލަރު ލިމިޓަށް ބަދަލު ގެންނަން ނިންމާ އިއުލާން ކުރުމުން އެއީ އިދިކޮޅާ ގުޅިގެން ކުރަން އުޅުނު މާލީ ބަޣާވާތެއްކަމަށް ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެގެ އިސްވެރިން ތުހުމަތު ކުރެއްވުމާއެކެ، މިކަމާ ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވަނިކޮށް ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް ވަނީ މި މަހުގެ 9 ގައި އިސްތިއުފާ ދެއްވާފަ އެވެ.