ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާންގެ ފިލްމީ ހަޔާތުގައި އޭނާ ތަފާތު އެތައް ފިލްމެއް ކުޅެދީފައިވެ އެވެ. އޭގެ ތެރެއިން ވެސް 2007 ވަނަ އަހަރު ރިލީޒް ކުރެވުނު "ޖަބް ވީ މެޓް"އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ.

އިމްތިއާޒް އަލީ ޑައިރެކްޓްކުރި "ޖަބް ވީ މެޓް" ލިބުނު ބޮޑު ކާމިޔާބީގެ ފަހަތުގައިވާ މައިގަނޑު އެއް ސަބަބަކީ އެ ފިލްމުގެ ލީޑު ރޯލުތަކުން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަރީނާއާއި ޝާހިދު ކަޕޫރު ފެނިގެން ދިއުމެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ވަނީ ޖަބް ވީ މެޓްއާ ބެހޭ ގޮތުން ވާހަކަދައްކާ އެ ފިލްމުގެ ބައެއް ހަނދާންތައް އާކޮށްފަ އެވެ.

އެ ފިލްމުގައި އޭނާ ދައްކުވައިދިން ކެރެކްޓަރު "ގީތު"އާ ބެހޭ ގޮތުން ކަރީނާ ބުނީ އެއީ އާއްމުކޮށް ބޮލީވުޑުން ފެންނަ އަންހެން ކެރެކްޓަރުންނާ ވަރަށް ތަފާތު ކެރެކްޓަރެއް ކަމަށާއި އެ ކެރެކްޓަރު ކުޅެން ލިބުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށެވެ.

އެއާއެކު ކަރީނާ ވަނީ ފިލްމުގައި ޝާހިދު ދައްކުވައިދިން އެކްޓިންއަށް ތައުރީފު ކޮށް އޭނާއާ ނުލާ އެ ފިލްމަށް ލިބުނު ކާމިޔާބީ ނުލިބޭނެ ކަމަށް ބުނެފަ އެވެ.

"ޝާހިދުއަކީ ވަރަށް މޮޅު އެކްޓަރެއް. އަހަރުމެން މަސައްކަތްކުރީ އެކަކު އަނެކަކާ ވަރަށް ގުޅިގެން. އެކަމުގެ ރަނގަޅު ނަތީޖާ ވެސް ފެނުނު" ކަރީނާ ބުންޏެވެ.

އެ ފިލްމަށްފަހު ކަރީނާއާއި ޝާހިދުގެ ލޯތްބަށް ހިތި ނިމުމެއް އައިއިރު އޭގެ ފަހުން އެ ދެތަރިން އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. 2016 ވަނަ އަހަރު ރިލީޒް ކުރެވުނު "އުޑްތާ ޕަންޖާބު"ގައި ދެތަރިން ހިއްސާވި ނަމަވެސް އެ ދެމީހުން އެކުގައި ނުފެނެ އެވެ.

ޝާހިދުއާއެކު އޮތް ލޯބީގެ ގުޅުން ނިމުމަށްފަހު 2012 ވަނަ އަހަރު ކަރީނާ ސައިފް އަލީ ޚާންއާ ކައިވެނި ކުރިއިރު ޝާހިދު މިހާރު އުޅެނީ މީރާ ރާޖްޕުތުއާ ކައިވެނި ކޮށްގެންނެވެ. ދެ މީހުންނަށްވެސް އެމީހުންގެ ކައިވެނިން ދަރިން ވަނީ ލިބިފަ އެވެ.