ބީއެމްއެލްގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލްއަށް ސީއީއޯއަކު ހޯދަން އިނގިރޭސިބަހުން އެ ބޭންކުން މިއަދު ވަނީ އިއުލާނެއްކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

މައްސަލައިގެ ފެށުން - ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މި މަހުގެ ނުވަ ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ ސަރުކާރުން އެ ބޭންކުން އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަޣާވާތް ކުރި ކަމަށް ތުހުމަތުކޮށްފި އެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑްތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ކުރި ބަޣާވާތެއް ކަމަށް ސަރުކާރުން ވަނީ ތުހުމަތު ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައެއްނުވެ އެވެ.

ބީއެމްއެލްގެ އިއުލާނުގައިވާގޮތުން ސީއީއޯއަކަށް ބޭފުޅަކު ހޯދަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބޭންކިން ދާއިރާގެ 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރުމާއި އަދި އޭގެ ތެރެއިން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭންކިން ދާއިރާގެ އިސް މަގާމެއް ފުރާފައި ހުރުން ލާޒިމުން ހިމެނެ އެވެ. އަދި ބޭންކިން ނުވަތަ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވުން ވެސް ހިމެނެ އެވެ.

ހަމައެހެންމެ ޕްރޮފެޝަނަލް ބޭންކިން އިދާރާއެއްގެ މެންބަރެއްގެ ގޮތުގައި ހިމެނޭ ފަރާތަކަށްވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. ސީއީއޯގެ މަގާމަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ އިތުރަށް ކާރާއި، ހައުސިން އަދި މެޑިކަލް އިންޝުއަރެންސް ވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.