އަނޫރަ ކުމާރަ ޑިސެނަޔަކަ، އާންމު ކޮށް ކިޔާ ގޮތުންނަމަ "އޭކޭޑީ" އަކީ މިދިޔަ ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅާ އެވެ. ލަންކާގެ އާދައިގެ ދަނޑުވެރި ގެއަކުން ގައުމުގެ އެންމެ މަތީ ވެރިކަމަށް ވަޑައިގެންނެވުމަށް އޭނާ ކުރެއްވި ދަތުރުފުޅުން ސާބިތުކޮށްދެނީ ގޮންޖެހުންތަކާ ކުރިމަތިލައި ގައުމުގައި ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށްޓަކައި ކުރި ހިތްވަރުގަދަ މަސައްކަތެވެ.
ޑިސެނަޔަކަ އުފަންވެ ވަޑައިގެންނެވީ އަރުނާދަޕޫރާގެ އާދައިގެ އާއިލާއަކަށް، 24 ނޮވެމްބަރ 1968 ގަ އެވެ. އޭނާގެ ހަޔާތުގެ ކުރީކޮޅުގެ ދުވަސްވަރަކީ ލަންކާގެ ރަށްފުށުގެ ނިކަމެތި އާއިލާއެއްގެ ދަތި ދުވަސްވަރެވެ. އޭނާގެ ބައްޕައަކީ ލަންކާ ސަރުކާރުގެ ސާވޭ ޑިޕާޓްމެންޓްގައި އޮފީސް އެއިޑެއްގެ ވަޒީފާ އަދާކުރި މީހެކެވެ. މަންމައަކީ ގޭގެ ކަންތައް ބަލަހައްޓައިގެން އުޅުނު ގެވެހި އަންހެނެކެވެ. އާދައިގެ އާއިލާއެއްގެ އާދައިގެ ދިރިއުޅުމަކުން ހަޔާތް، ފެށިކަމުގައި ވިޔަސް ޑިސެނަޔަކަ ވީ ހިތްވަރު ގަދަ، ޖެހިލުންކުޑަ، ގަދައަޅާ މަސައްކަތް ކުރާ، މީހަކަށެވެ. އެހެންކަމުން ތަފާތު ހުރަސްތައް ގިރާކޮށް އެ ގައުމުގެ މާކްސިސްޓް، ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)އާ ޑިސެނަޔަކަ، ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން ގުޅިވަޑައިގެންނެވި އެވެ.
ޑިސެނަޔަކަގެ ސިޔާސީ މަސައްކަތް ފެށުނީ ލަންކާގެ ސިޔާސީ ހަމަނުޖެހުން ބޮޑު ދުވަސްވަރެއްކަމުގައިވާ 1980ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެއީ ޖޭވީޕީއާ ސަރުކާރުގެ ބާރުތަކާމެދު ކުރިމަތިލުން ހިނގައި މީހުން މެރުންފަދަ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން ދިޔަ ދުވަސްވަރެވެ. ޑިސެނަޔަކަ ޖޭވީޕީގެ ހަރަކާތްތަކުގައި ކުޅުނު އިސް ރޯލުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ދެބޭންގެ ދެދަރި މީހެއްގެ ފުރާނަ ގެއްލިދިއުމާއި އާއިލީގެ، އަނދާ އަޅިއަށްވެ ދިއަ އެވެ. އެހިސާބުން ފެށިގެން ޖޭވީޕީގެ ތެރޭގައި ޑިސެނަޔަކަގެ މަގުބޫލުކަން ގަދަވެ، ލަންކާގެ ސިޔާސީ މައިދާނުގައި އޭނާގެ ނަން ވިދަން ފެށި އެވެ.
ޖޭވީގެ ލީޑަރަކަށްވުމާއި ފަހުން ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އެލަޔަންސްގެ އިސް ބޭފުޅަކަށް ވެވަޑައިގެންނެވުމާ އެކު ޑިސެނަޔަކަ ވެވަޑައިގެންނެވީ ސޯޝަލް ޖަސްޓިސްއާއި ކޮރަޕްޝަނާ ދެކޮޅަށް ގަދަޔަށް އަޑު އުފުއްލެވި ބޭފުޅަކަށެވެ. ހަމަ އެއާއެކު އިގުތިސާދު ރިފޯމްކޮށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް ވެސް ޑިސެނަޔަކަ ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ.
ޑިސެނަޔަކަގެ ސިޔާސީ ލީޑަޝިޕް ސްޓައިލެއްކަމުގައި ގިނަ ބަޔަކު ދެކެނީ ގްރާސްރޫޓް އެކްޓިވިސްޓުނަނާއެކު ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާގެ ވިޝަނެއްގެ ގޮތުގައި ފާޅުކުރައްވަމުން ގެންދެވީ އެންމެން ހަމަހަމަ ލަންކާއެކެވެ. ބޮޑުންނާއި ވެރިންގެ އާއިލާއަށް ވެރިކަމާއި ބާރުތައް ދެމިގެން ދިއުމަކީ ޑިސެނަޔަކަ އެންމެ ނުރުހުންވެވަޑައިގަންނަވާ އެއްކަމެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިސެނަޔަކަގެ މެސެޖަކީ ކަންތައް ބަދަލުކުރަން ޖެހިފައިވާކަމެވެ. ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައި އޮތް ހީނަރުކަމުން އަރައިގަތުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާއެކު އެކީގައި ސިޔާސީ ކޮރަޕްޝަންގެ ވާހަކަ އޭނާ ގެންދެވީ ވަރަށް އިތުބާރާ ޔަގީން ކަމާއެކު ދައްކަވަމުންނެވެ.
ޑިސެނަޔަ އިތުބާރާ ޔަގީންކަމާއެކު މީހުންނަށް ހާމަކޮށްދިން ސާފު ރާސްތާވީ ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކުރެވުނު ސަބަބަކަށެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއެކު ޑިސެނަޔަކަގެ ކުރިމަތީގައި އޮތީ އިގްތިސާދު ހަމަޔަކަށް އެޅުވުމުގެ ބުރަ މަސައްކަތާއެކު ބައިބައިވެފައިވާ ގައުމު އެއްބައިކުރުވައި ސުލްހަވެރި މުސްތަގުބަލެއް ހޯދުމުގެ ބުރަ މަސައްކަތެވެ.
އަނޫރަ ކުމާރަ ޑިސެނަޔަކަގެ ސިޔާސީ ކާމިޔާބަކީ އަވަށްޓެރި ލަންކާގެ ސިޔާސީ މައިދާނުގެ މުޅިން އާ ބާބެއްގެ ފެށުމެވެ. އާދައިގެ ދަނޑުވެރި އާއިލާއަކުން ގައުމުގެ އެންމެ މަތީ ގޮނޑިއަށް ވާސިލުވުމުގެ ދަތުރުން ފެންނާން އޮތީ ސީދާ އަމާޒަކާއެކު ގަދައަޅައިކުރާ މަސައްކަތުން ކަންތައް ބަދަލުވެދާނެކަމެވެ. ޑިސެނަޔަކަގެ ލީޑަޝިޕްގެ ދަށުން ލަންކާގެ ރައްޔިތުން ކުރާ އުންމީދަކީ ސިޔާސީގޮތުން ހަމަޖެހޭ އިގުތިސާދީ ގޮތުން ފުދުންތެރި އުޖާލާ މުސްތަގުބަލެކެވެ.