މޯލްޑިވްސް ނޭޝަނަލް ޝިޕިން (އެމްއެސްއެމް) އިން އިންޑޮނީޝިއާ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްއެސްއެސް އިން ބުނީ މި ދަތުރުތައް ކުރާނީ އިންޑޮނީޝިއާގެ ބެލަވަންއިން މެލޭޝިއާގެ ޕޯޓު ކިލާންގް އަދި ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެސްއެސްގެ ގްރެފިން އެވެ.

އިންޑޮނީޝިއާ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާއިރު އެމްއެސްއެސް އިން މެލޭޝިއާ އަށް ދަތުރުތައް މިދިޔަ ޖުލައި މަހު ތެރޭގައި ވަނީ ފަށައިފަ އެވެ.

މުދާތައް ކޮލޮމްބޯ އަށް ގެނައުމަށް ފަހު އެމްއެސްއެސްގެ ކޮލޮމްބޯއިން މާލެ ދަތުރުކުރާ ބޯޓުތަކުގައި ރާއްޖެއަށް ފަސޭހަކަމާ އެކު މުދާ ގެނެވޭނެ ކަމަށް އެމްއެސްއެސް އިން ބުނެ އެވެ.

އެމްއެސްއެސްގެ ފްލީޓުގައި ފަސް ބޯޓު އޮވެ އެވެ. އެ ކުންފުނިން މިހާރު މެލޭޝިއާ އިން ކޮލަމްބޯގެ އިތުރުން ދެން ދަތުރުތައް ކުރަނީ ކޮލޮމްބޯ އިން މާލެއަށް އަދި ދުބާއީން މާލެއަށެވެ.

މީގެ އިތުރުން އެމްއެސްއެސް އިން ދަނީ ޝެޑިއުލްކޮށް މާލެ އިން އައްޑޫ ސިޓީއަށް ވެސް ދަތުރުތައް ކުރަމުންނެވެ.